Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޮލީ ބޯލް

ރާއްޖޭގައި ބޭއްވި ބީޗް ވޮލީބޯލް ޕްރޯ ޓުއަރއަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޚަރަދުތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު!

ދުނިޔޭގެ ވޮލީބޯޅަ މައި އިދާރާ (އެއައިވީބީ)އިން ރާއްޖޭގައި ބޭއްވި 2022 ވޮލީބޯލް ވާރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖްގައި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޚަރަދުތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އެސޯސިއޭޝަނަށް އަމާޒުވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ރާއްޖޭގެ މަޝްހޫރު ވޮލީ ބޯޅަ ކޯޗް މުހައްމަދު ޝަރަފް މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން, އިންފޮމޭޝަން ކޮމިޝަން މެދުވެރިކޮށް ކުޅިވަރު މިނިސްޓްރީއިން އޭނާ އަށް ދީފައިވާ މައުލޫމާތް ތަކުގެ އަލީގައެވެ.

އެ މައުލޫމާތުތައް ބުނާގޮތުން އޮކްޓޯބަރ 2022 ގައި ސަންއައިލަންޑު ގައި ބޭއްވުނު ވޮލީބޯލް ވޯލްޑް ބީޗު ޕްރޯ ޓުއަރ މޯލްޑިވްސް ޗެލެންޖު, ބީޗުވޮލީ މުބާރާތަށް ކުޅިވަރު މިނިސްޓްރީއިން ވަނީ 5,599,118.60 ރުފިޔާ ޚަރަދު ކޮށްފައެވެ. ދިވެހި ވޮލީބޯޅަ އާއިލާއިން މަދު ބަޔަކަށް ހަމަލޮލުން ބަލާލަން ލިބުނު މިމުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނީ ޖުމުލަ 3 މެޗެވެ.

މިމުބާރާތުގެ ފައިނަލް މެޗުގެ ރިފްރެޝްމަންޓަށް އެކަނިވެސް 243,481.80 ރުފިޔާ ޚަރަދު ކޮށްފައިވާއިރު، ޑެލެގޭޝަން ޓްރާންސްޕޯޓުގެ ގޮތުގައި 715,488.00 ރުފިޔާ ސަންއައިލަންޑު ރިސޯޓަށް ޚަރަދު ކޮށްފައިވެއެވެ.

ހަތަރު ދުވަހަށް ދެމިގެންދިޔަ މިމުބާރާތުގައި ދުވަހުން ދުވަހަށް ކުރަންޖެހުނު މަސައްކަތް ކުރުމަށް 1,934,864.00 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި, ރިސޯޓުގައި ގިނަމަސައްކަތްތައް ކުރީ ރިސޯޓު މުއައްޒަފުންނާއި ވޮލީ އާއިލާގެ ތެރެއިން އެމްއެންޑީއެފްގެ ބޭކަލުން ހިލޭ ސާބަހަށެވެ.

"އަހަރުމެންގެ ރެފްރީން އޮފިޝަލުންގެ ގޮތުގައި ޙަރކާތްތެރިވީވެސް އުޖޫރައަކާއި ނުލައެވެ. އަދި އެނގިފައިވާ ގޮތުގައި ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުން މިމުބާރާތަށް ގޮސް ތިއްބެވީވެސް ކައިރީގައި އޮންނަ ފެންފުށީ ގައި އަމިއްލަ ޙަރަދުގަ އެވެ. މިމުބާރާތަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ވީއޭއެމްގެ ޖެނެރަލް ސެކްރެޓެރީގެ މަޤާމު ހުސްވެ, އަދިވެސް އެމަޤާމު އޮތީހުސްކޮށެވެ." ކޯޗް ޝަރަފް އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ޝަރަފް ވިދާޅުވެފަިއވަނީ 5.5 މިލިއަން ރުފިޔާއަކީ ލައްކަ ބައިވަރު ފައިސާ ކަމަށާއި އެފައިސާއިން ޤައުމީ ޓީމުތައް ޤަވާއިދުން ޓްރެއިނިންގް ހަދަން ރަގަޅު ފެންވަރުގެ ޓްރެއިނިންގް ފެސިލިޓީއެއް ވެސް ތަރައްޤީކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން ޝަރަފް ވަނީ ފައިސާ ނެތިގެން އަތޮޅު މުބާރާތް ހުޓާލަން ޖެހުނު ވާހަކަ ވެސް ފާހަގަ ކޮށްފައެވެ.

އެންމެ ދެދުވަހަށް ރާއްޖޭގެ ވޮލީބޯޅަ އަށް ފައިދާ ނުވާނެހެން މިހާބޮޑު ޚަރަދެއް ކޮށްފައިވާއިރު މި ފަސް މިލިއަނަކީ "ބަޖެޓު ނެތިގެން" ހުއްޓާލަންޖެހުނު ރާއްޖެ ޗެމްޕިއަންޝިޕް "ދެފަހަރަށް" ބާއްވާހާ ފައިސާ"ކަމަށް ޝަރަފް ބުނެފައިވެއެވެ.

"އަހަރެންނަށް ލިބިފައިވާ މައުލޫމާތު ދޮގުނޫންނަމަ, މިމުބާރާތުގެ ޕެންޑިން ފައިސާގެ ގޮތުގައި މިލިއަނަކައްވުރެގިނަ ފައިސާ އަހަރުމެން އަދިވެސް އެކިފަރާތްތަކަށް ނުދައްކާވެއެވެ. އާހިރުގައި ވީއޭއެމްގެ ދަރަންޏާއި ޒިންމާވާންޖެހޭނީ ކޮންބައެއްތޯއެވެ." ޝަރަފްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން "ދިޔަރެސް"އިން ވީއޭއެމްގެ ބައެއް އެކްސްކޯ މެމްބަރުންނާ ވަނީ ސުވާލުކޮށްފައެވެ. މިހާ ބޮޑު ޚަރަދެއް އެމުބާރާތަށް ވީއޭއެމްގެ ބަޖެޓުން ޚަރަދު ކުރި ކަން އެކްސްކޯގެ ބައެއް މެމްބަރުންނަށް ވެސް އެނގިފައި ނުވާކަން "ދިޔަރެސް"އަށް އެމެމްބަރުން ވަނީ ޔަގީން ކޮށްދީފައެވެ. އަދި ބައެއް މެމްބަރުން ބުނާގޮތުގައި މި ހުރިހާ ފައިސާއެއް އެބުނާ މުބާރަތަކަށް ޚަރަދުވެފައި ނުވާނެއެވެ.

މުބާރާތަށް ހިނގި ޚަރަދުގެ މައުލޫމާތު އެކްސްކޯގެ ބައެއް މެމްބަރުންނަށް އެނގުނީ ސޯޝަލް މީޑިއާއިން ކަމަށް ވެސް އެމެމްބަރުން ވިދާޅުވެއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގެ ބައެއް ޚިދުމަތްތަށް ހޯދުމަށްފަހު ވީއޭއެމްއިން ފައިސާ ދެއްކުމުގެ ބަދަލުގައި ވީއޭއެމްގެ އިސްވެރިންގެ އެކައުންޓުން އެފައިސާ އެފަރާތްތަކަށް ޓްރާންސްފާ ކޮށްދީފައިވެއެވެ.

ނަމަވެސް ވީއޭއެމްގެ ގަވާއިދު ބުނާ ގޮތުން މިކަން މިގޮތަށް ކުރެވިގެން ނުވާނެ އެވެ. ސަބަބަކީ ވީއޭއެމްއިން ކުރާ ހުރިހާ މުއާމަލާތްތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ކުރަން ޖެހޭ ކަންކަމަށް ވާތީއެވެ. އަދި އެފައިސާ އެގޮތަށް ބޭނުން ކުރި ސަބަބުން މެމްބަރު ކްލަތަކަށް ވީއޭއެމް އިން ޖަވާބުދާރީވާން ޖެހޭނެ ތީއެވެ.

ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ މެމްބަރު ކްލަބްތަކުގެ ބަހަކާއި ނުލައި ވީއޭއެމްއިން ކޮންމެ އަހަރަކު އެތަނުގެ ބަޖެޓް ގަވާއިދާ ޚިލާފަށް ބޭނުން ކުރާތާ މިއަހަރަށް މިވީ ތިން އަހަރު ވެފައެވެ. މިމައްސަލަ ކްލަބުތަކުން މިހާރު އޮތީ ކަމިޝަނަރ އޮފް ސްޕޯޓް އާއި ސްޕޯޓްސް ކައުންސިލްގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

މި ލިއުމާއި ގުޅޭ