ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ވިލާ ކުންފުންޏަށް ދީފައި އޮންނަ ކ.ވާވެއްދު ފަޅު ވިއްކުމަށް އެ ކުންފުނިން ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވަނިކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ މުއާމަލާތް ހުއްޓުވައިފިއެވެ.
"ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލެއް ނަން ނުޖެހުން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ވިލާއިން މި ފަޅު ވިއްކަން ބޭނުންވަނީ 30 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 462 މިލިއަން ރުފިޔާއަށެވެ.
މި ފަޅު ވިއްކުމަށްފަހު ފައިސާ ހޯދުމަށް ވިލާއިން ހުށަހަޅާފައިވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޤާސިމް ނިންމަވާފައިވަނިކޮށެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާނެކަން ޤާސިމު އިއުލާނުކުރެއްވުމަށްފަހު މި ފަޅު ވިއްކަވަން ހުށަހެޅުއްވީ ކެމްޕޭނަށް ފައިސާ ހޯއްދެވުމަށް ކަމުގައި، އިތުބާރުކުރެވޭ މަސްދަރުތަކުން "ދިޔަރެސް"އަށް ކަށަވަރުވެފައިވެއެވެ.
އޭސީސީން މި މުއާމަލާތް ހުއްޓުވާފައިވަނީ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާތީއެވެ. ނަމަވެސް އޭސީސީން ބަލަމުން އަންނަ މައްސަލައިގެ އެއްވެސް ތަފުސީލެއް މިހާތަނަށް ކޮމިޝަނުން ހާމަނުކުރެއެވެ.
ފާއިތުވި ހުކުރުދުވަހު ބައެއް މީޑިއާއަށް ޤާސިމް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ވިޔަފާރިތަކަށް ދަތިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުން އޭނާގެ ވިޔަފާރިތަކަށް އަތްބާނަން ފަށާފައިވާކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުން ކުރަމުން އަންނަކަމެއް އެ ދުވަހު ޤާސިމް ހާމަނުކުރައްވައެވެ.
ޤާސިމުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ޤާސިމުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި އޭނާގެ ވިޔަފާރިއަށް ސަރުކާރުން އަތް ބޭނުމަކީ ވާވެއްދި ފަޅު ވިއްކުމުގެ މުއާމަލާތް އޭސީސީން ހުއްޓުވުމެވެ.
މި މުއާމަލާތް އޭސީސީން ހުއްޓުވި ނަމަވެސް ދާދިފަހުންވެސް ހުޅުމާލޭގައި ފުލެޓު އެޅުމަށް މީގެ އެތައް އަހަރެއް ކުރިން ޤާސިމުގެ ވިލާ ކުންފުންޏަށް ދޫކުރި ބިމެއްގެ ބަދަލުގައި ޤާސިމަށް އަގު ބޮޑު، ބޮޑު ބިމެއް ތިލަފުށިން އާބަންކޯ މެދުވެރިކޮށްވަނީ ދީފައެވެ.