ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ އިންވަކިކުރުމާ ގުޅުމެއް ނެތްނަމަ އެ ސިޓީ ސަރުކާރުން އެހައިވަރަކުން ފޮރުވާ ސަބަބާމެދު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ސުވާލުކުރައްވައިފިއެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި މި ސުވާލު ކުރައްވާފައި މިވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައާ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ މިމައްސަލައާ ގުޅޭ ހުރިހާ ލިޔެކިއުމެއް މަޖިލީހާ ހިއްސާކޮށްފައިވާކަމަށް ބުނާއިރު، އެލިޔުންތަކުގެ ތެރޭގައި މިސިޓީއެއް ނެތް ކަމަށެވެ. އިންވަކިކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުވީ ރައީސް އިބްރާހިމް މޮރިޝަސްއަށް ފޮނޮއްވި ސިއްރު ސިޓީއާ ގުޅިގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސިޓީފުޅެއް ފޮނުއްވި އެވެ.
އެ ސިޓީއަށް ރިއާއަތްކޮށް، އިޓްލޮސްއިން އިން ވަކިކުރުމުގެ މައްސަލަ ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
އޭގެ ޖަވާބުގައި ރިފްއަތު ވަނީ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުން ދޫނުދޭނެކަން އެ ސިޓީގައި ވެސް ބަޔާންކޮށްފައިވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"އިޓްލޮސްގެ މައްސަލަ ސާބިތުކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ވެސް ރައީސް ފޮނުއްވި ސިޓީ ނެތްކަން ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.
އޭޖީ ވިދާޅުވީ، ދެކުނުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކޮންމެ ނިންމުމެއް ނިންމުމެއް ނިންމާފައިވާނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލައިގައި ރާއްޖޭން ވަކާލާތު ކުރި ގޮތަށް ފުރިހަމައަށް ކާމިޔާބު ލިބިފައިވާކަމަށް ވިދާޅުވި އެވެ.