Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ވަކީލުން މެދުވެރިކުރައްވައިގެން ދިފާއުވުމަށް ރިފްއަތު އެދިވަޑައިގެންފައި ނެތް: މަޖިލިސް

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޤާނޫނީ ވަކީލުން ބޭނުންކުރައްވައިގެން ދިފާއުވެވަޑައިގަތުމަށް އެއްވެސް އިރެއްގައި ހުށަހަޅާފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ކަނޑު ވިއްކައިލުމާ ދެކޮޅު އިއްތިހާދުން ހުށަހެޅި ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ދިފާއުވެވަޑައިގަތުމަށް މަޖިލީހަށް މިއަދު އޭނާ ހާޒިރުވެވަޑައިގެންނެވިއިރު އަރިހުގައި ބަންޑާރަނައިބުގެ އޮފީހުގެ ދެ ވަކީލުން ތިއްބެވިއެވެ.

ނަމަވެސް ބައެއް މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ރިފްއަތު ވަކީލުން މެދުވެރިކުރައްވައި ދިފާއުވެވަޑައިގަތުމަށް އެދިވަޑައިގަތުމުން މަޖިލީހުގެ އިދާރާއިން އޭނާއަށް އެ ފުރުސަތު ނުދިނީއެވެ. އެގޮތުން އެ ފުރުސަތު ދިނުމަށް މަޖިލީހުގެ އިދާރާއިން ދެކޮޅުހެދިކަމަށް އެ މީޑިއާއިން ރިޕޯޓުކުރިއެވެ.

އެ މައްސަލާގައި މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޖިލީހަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް 16 މޭގައި ފޮނުވުމުން، ލިޔުމުން ދިފާއު ހުށަހެޅުއްވުމަށް ނިންމަވައި 31 މޭގައި ލިޔުމުން ޖަވާބު ފޮނުއްވި ކަމަށެވެ.

ލިޔުމުން ޖަވާބު ފޮނުއްވުމުން މަޖިލީހުގެ މެންބަރުންގެ މެދުގައި ދެބަސްވުން އުފެދި ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުނެވެ. އެއާއެކު 4 ޖޫންގައި ސިޓީއެއް ފޮނުއްވައި ހާޒިރުވެވަޑައިގެން އަނގަބަހުން ޖަވާބުދާރީވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ރިފްއަތު މަޖިލީހަށް އެންގެވިކަމަށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މަޖިލީހަށް އަނގަބަހުން ޖަވާބުދާރީވުމަށް ވަޑައިގަންނަވާއިރު 3 ބޭފުޅަކަށް އޭނާ އަރިހުގައި ވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް އޭޖީ އެދިވަޑައިގެންނެވިކަމަށާއި، މަޖިލީހުގެ ޤަވާއިދުގެ 10 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުން "މަޖިލީހުގެ ޖަލްސާއެއްގައި ހިނގާކަމަކާ ގުޅޭ ގޮތުން، ހުއްދަ ލިބިގެން އަންނަ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއާއި އޭނާއަށް އެހީތެރިވެދިނުމަށް އަންނަ އޭނާގެ 2 މުވައްޒަފުންނަކީ" މަޖިލީހުގެ މާލަމަށް ހުއްދަ ލިބިގެން ވަދެވޭނެ ފަރާތްތައް ކަމުގައި ބުނެފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިއަދުގެ ޖަލްސާއަށް ރިފްއަތު ވަޑައިގަތުމުން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އޭނާގެ އަރިހުގައި އިތުރު ދެ ބޭފުޅުންނަށް މަޖިލީހުގެ މާލަމަށް ވަދެވަޑައިގަތުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި، އެ 2 ބޭފުޅުން ޖަލްސާގައި އޭނާ އަރިހުގައި ތިއްބެވިކަމަށްވެސް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"އެއްވެސް އިރެއްގައި، [އިތުބާރުނެތްކަމުގެ] އެ މައްސަލައިގެ ބަހުސްގައި އެމަނިކުފާނު ދިފާއުވުމަށް ބޭނުންފުޅުވަނީ ވަކީލުން މެދުވެރިކުރައްވައިގެންކަން އަންގަވާފައިނުވާކަން މައުލޫމާތަށްޓަކައި ދަންނަވަން،" މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މި ލިއުމާއި ގުޅޭ