ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި އޭނާއާ ކޮށްފައިވާ އެއްވެސް ސުވާލަކަށް ޖަވާބުނުދެއްވުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެންބަރުން ނުރުހުން ފާޅުކުރައްވަން ފެއްޓެވުމާއެކު މިއަދުގެ ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމަވައިލެއްވުމަށް މަޖިލީހުގެ ރިޔާސަތު ނިންމަވައިފިއެވެ.
މިއަދުގެ ޖަލްސާގައި ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުވަނީ ގިނަ ސުވާލުތަކެއް ބަންޑާރަނައިބު ރިފްއަތަށް އަމާޒުކުރައްވާފައެވެ. މައްސަލައަށް ޖަވާބުދާރީވުމަށް ރިފްއަތަށް އަރުވާފައިވާ 30 މިނިޓުގެ ތެރެއިން ބަހުސް ފެށުމުގެ ކުރިން ލިބިވަޑައިގަންނަވާ 10 މިނިޓުގައި ރިފްއަތު ދެއްކެވި ވާހަކަފުޅުގައި އޭނާއާ މެންބަރުން ހުށަހެޅުއްވި މައްސަލާގައި ކުރިމަތިކުރައްވާފައިވާ ސުވާލުތަކަށް އޭނާ ޖަވާބުނުދެއްވައެވެ.
ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތަށް އެރުވި ވަގުތަށްފަހު، ބަހުސް ފެށުމުން މަޖިލީހުގެ މެންބަރުންގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އިތުބާރުނެތްކަމުގެ މައްސަލާގައި ރިފްއަތާ އަމާޒުކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބުނުދެއްވާކަން ފާހަގަކުރައްވާފައެވެ.
"މައްސަލަ ހުށަހަޅުއްވައިދެއްވަމުން މެންބަރު ސުވާލުތަކެއް ކުރައްވާފައި އެބަހުރި. އެ ސުވާލަތަކަށް އެޓާނީޖެނެރަލް ޖަވާބުނުދެއްވާ. އެ ސުވާލުތަކަށް ޖަވާބުނުދެއްވައި ދުރުދުރުން އެހެންކަހަލަ ވާހަކަތަކެއް ދެއްކެވީ. އަޅުގަނޑުމެން އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ މައްސަލަތަކެއް ހުރިކަމަށް ޤަބޫލުކުރެވިގެން. މައްސަލަތަކެއް ހުރިކަން ޤަބޫލުކުރެވިގެން ހުށަހެޅި ސުވާލުތަކަށް ޖަވާބުނުދެއްވައި ދެންހަމަ އެވާހަކަ ދައްކަވަން ތައްޔާރަށް ނެތިއްޔާ މި މައްސަލަ ކުރިއަށްގެންދެވިދާނެކަމަށް ޤަބޫލުނުކުރަން،" މެންބަރު އާޒިމް ވިދާޅުވިއެވެ.
އޭގެ ފަހުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މައްސަލަ ހުށަހެޅުއްވި މެންބަރުގެ ސުވާލަށް ބަންޑާރަނައިބު ނުދެއްވައި އިތުބާރުނެތްކަމުގެ މައްސަލާގައި ބަހުސްކުރެވިދާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ބަހުސްގެ ވަގުތުގެ ތެރެއިން ބަންޑާރަނައިބާ އިތުރު ހަތަރު ސުވާލެއްކުރެއްވުމަށްފަހު ފުލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ވިދާޅުވީ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފު ކުރެއްވި ސުވާލުތަކަށް ބަންޑާރަނައިބު ޖަވާބުނުދެއްވާތީ، އޭނާ ކުރައްވާފައިވާ ސުވާލުތަކަށްވެސް ރިފްއަތުވެސް ޖަވާބުދެއްވާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރިފްއަތާ އާދަމް ޝަރީފު ކުރެއްވި ސުވާލުތަކަށް ޖަވާބުނުދެއްވާ މައްސަލަ މެންބަރުން ފާހަގަކުރެއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ބަންޑާރަނައިބަށް ފުރުސަތު ލިބިވަޑައިގަތުމުން އެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެޓާނީ ޖެނެރަލްއާ ކުރި ސުވާލަށް އޭނާ ޖަވާބުނުދެއްވުމާ ގުޅިގެން އިދިކޮޅު އިއްތިހާދުގެ މަޖިލިސް މެންބަރުން އިހުތިޖާޖުކުރައްވަން ފެއްޓެވުމުން މަޖިލިސް ކުރިއަށްގެންދަވާނެ ފުރުސަތެއް ނެތްކަމަށް ވިދާޅުވެ އަފީފުވަނީ މިއަދުގެ ޖަލްސާ ނިންމަވައިލައްވައި ދެން ޖަލްސާއެއް އޮންނާނީ ޖޫން މަހުގެ 6 ވަނަ ދުވަހުގައިކަމަށް އިއުލާނުކުރައްވާފައެވެ.