ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން މަޖާ ކުރުމަށް ދައުލަތުގެ ހަރަދުގައި ޕެރެޑައިސް އައިލޭންޑް ރިސޯޓުގައި 3 ދުވަހުގެ ރިޓްރީޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ރިޓްރީޓުގައި ބައިވެރިކުރަނީ އެ އޮފީހުގެ ބައެއް މުވައްޒަފުންކަމަށް "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ޕަބްލިކް ޕްރޮސެކިއުޓަރަކު ވިދާޅުވިއެވެ.
7 ޖޫން އިން 9 ޖޫންއަށް ޕެރެޑައިސް އައިލޭންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރިޓްރީޓުގައި ބައިވެރިވާ މުވައްޒަފުން އެ ރިސޯޓުގައި 2 ރޭ މަޑު ކުރާނެއެވެ. އަދި ރިސޯޓުގައި މަޑުކުރާއިރު ކޮންމެ 2 މުވައްޒަފަކު އެއް ކޮޓަރިއެއްގައި ތިބުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ މުވައްޒަފަކު ބޭނުން މުވައްޒަފަކާ އެއް ކޮޓަރިއެއްގައި ތިބެވޭއިރު މިކަމުގައި ވަކި ޖިންސެއް އިސްތިސްނާ ނުވާކަމަށްވެއެވެ.
މި ތިން ދުވަހުގެ ރިޓްރީޓުގެ ބައެއް ވަގުތުތަކުގައި ކޮންފަރެންސުގެ ނަމުގައި ސެޝަންތަކެއް ގެންދަން ރާވާފައި ވީނަމަވެސް ގިނަ ވަގުތު ހޭދަކުރަން ހަމަޖެހިފައިވަނީ ކުޅިވަރާއި މަޖަލުގައެވެ. މިގޮތުން 8 ވަނަ ދުވަހުގެ ރޭ އޮތީ "ހަވާއިއަން ތީމްޑް" ގާލާ ނައިޓެކެވެ. މި ހަރަކާތުގައި ނެށުމާއި، ލަވަކިޔުމާއި މަޖާކުރުން ކުރިއަށް ދާނެ ކަމަށް، މި ހަރަކާތާއި ގުޅޭގޮތުން މުވައްޒަފުންނަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވެއެވެ. މި ގާލާ ނައިޓުގައި ފިރިހެން މުވައްޒަފުން ކުރު ސޯޓު އަދި އަތް ކުރު ގަމީސް ލުމަށް އަދި އަންހެން މުވައްޒަފުން ކުލަ ގަދަ، މާޖެހި ކުރު ހެދުން ލުމަށް ލަފާދީފައިވެއެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެއްވި ދައުލަތުގެ ވަކީލު ވިދާޅުވީ މި ރިޓްރީޓަށް ދިޔުމަށްޓަކައި، ވަރަށް މުހިންމު އަޑު އެހުންތައްވެސް ޕީޖީ އޮފީހުން އެދިގެން ކޯޓުތަކުން ކެންސަލްކޮށްފައިވާކަމަށެވެ.
ޕީޖީ އޮފީހުން މިފަދަ ޕިކުނިކު ދަތުރެއް ރާވާފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިފަދަ ބޭކާރު ހަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީސް ސާކިއުލާއެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.