ރިޔާޒް (ޖޫން 4) - ސޫދާނުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސްގެ ވަފުދުތަކުގެ މެދުގައި ރަސްމީ މަޝްވަރާތައް ފެށުމަށް ސައުދީ އަރަބިއްޔާ އާއި އެމެރިކާ އިން ޝައުގުވެރިވާ ކަމަށް ސައުދީ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އަދި ސޫދާނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން ދެމިއޮންނާނެކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، ހަރުދަނާ ގޮތެއްގައި ޢަމަލުކުރުމަށް ގޮވާލާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ސޫދާނުގެ ހަނގުރާމަވެރި ފެކްޝަންތަކުގެ ވަފުދުތައް އަދިވެސް ޖިއްދާގައި އެބަތިބި ކަމަށާއި ކޮންމެ ދުވަހަކު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
"އެ މަޝްވަރާތަކަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި ޖިއްދާގެ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން އަޅަން ޖެހޭ ކައިރި މުއްދަތުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމާއި ބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކެއް،" ބަޔާނުގައި ވެއެވެ.
"ރަސްމީ މަޝްވަރާތައް އަލުން ފަށަން ފެސިލިޓޭޓަރުން ތިބީ ތައްޔާރަށް ކަމަށާއި ސޫދާންގެ އާންމުންގެ ހިމާޔަތުގައި މެއި 11 ވަނަ ދުވަހު ޖިއްދާ ޑިކްލަރޭޝަން އޮފް ކޮމިޓްމަންޓްގެ ދަށުން ވާޖިބުތައް ތަންފީޒު ކުރަން ޖެހޭކަން ޕާޓީތަކަށް ހަނދާންކޮށްދޭން،" އެ ބަޔާނުގައި ވެއެވެ.
ސޫދާން ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުނީ ޖެނެރަލް އަބްދުލް ފައްތާހު ބުރުހާން އިސްވެ ހުންނަވާ އަސްކަރިއްޔާއާއި ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯގެ ކޮމާންޑްގައި ހަރަކާތްތެރިވާ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު އޭޕްރީލް މަހުގެ މެދުތެރޭގައި ކުރިމަތިލުންތަކެއް ފެށުމުންނެވެ.
ހަފުތާތަކެއް ވަންދެން ސައުދީ އަރަބިއްޔާ އާއި އެމެރިކާ އިން ދަނީ ހަނގުރާމަވެރި ފަރާތްތަކުގެ މެދުގައި ސުލުހަޤާއިމް ކުރުމަށް މެދުވެރިއެއްގެ ރޯލް އަދާކުރަމުންނެވެ.
މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ދެ ގައުމުން ވެސް ވަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ އެ ގައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވުމުގެ ގޮތުން ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ކާމިޔާބުކަމާއެކު އެކުލަވާލާފަ އެވެ. ނަމަވެސް އެ މީހުންގެ މަސައްކަތަށް ބުރޫ އަރާފައި ވަނީ ޖިއްދާގައި މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އަސްކަރިއްޔާއިން ދެން ބައިވެރި ނުވާނެ ކަން ބުދަ ދުވަހު އިއުލާނު ކުރުމާ ގުޅިގެންނެވެ.
މި ހަނގުރާމައިގެ ސަބަބުން ވެރިރަށް ޚަރްތޫމް އާއި އެހެނިހެން އަވަށްތައް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެ، މުޅި ގައުމުގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ވަނީ ވަރަށް ބޮޑަށް ނާމާންވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާނާއި އަވަށްޓެރި ގައުމުތަކުގެ ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރި 1.65 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.
ޚަރްތޫމް އާއި އަވަށްޓެރި ސިޓީތައް ކަމަށްވާ އޮމްދުރުމަން އާއި ބަހްރީގައި ފާއިތުވި ދެ ދުވަހު އެ ސަރަހައްދުގެ ރައްޔިތުން ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފަ އެވެ.
އޮމްދުރުމަންގެ ބައެއް ސަރަހައްދުތަކަށް އާދީއްތަ ދުވަހުގެ ފަތިހު އަސްކަރިއްޔާގެ މަތިންދާބޯޓު ތައް އުދުހޭތަން ފެނުމާއެކު ބަޑީގެ ބާރުގަދަ އަޑުތަކެއް އިވުނެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން އެންމެ ނުރައްކާތެރި ކުރިމަތިލުންތައް ހިނގި ދާރުފޫރު ސަރަހައްދުގެ އުތުރުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.