Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ވޯޓަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ: އާދަމް

ވޯޓަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް އައްޑޫ ސިޓީގެ ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން ފެށުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ތިން މަހަށް ވީމާ ފައްޓާ ޕްރޮޖެކްޓްތައް ގުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމާކަމަށެވެ.

އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޖަލަށް ލާފައި ވަޒީފާ ބަހާ ވޯޓަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެކަމަށްވެސް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ނިމެން ދެމަހާއި ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފެށި އައްޑޫގެ ބިންހިއްކުމުގެ މަޝްރޫއަށް ލޯނު ހޯދާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އައްޑޫ ބިން ހިއްކަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމުގެ ގޮތުންނެވެ. އެގޮތުން ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއުގެ ދަށުން، އައްޑުއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމްކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ސަރުކާރުން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އައްޑޫގެ ރަށްތަކަށް ބިން އިތުރުކުރުމުގެ އިތުރުން، ރިސޯޓު ހަދަން ފަޅުތެރެއިން ތިން ރަށެއް އުފައްދާނެ ކަމަށެވެ. އަދި, ހަންކެޑެ ކައިރިން ލިންކު ރޯޑު ވަކިކުރުމަށް ފަޅުތެރެއިން ބައެއް ހިއްކައިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން ބުނީ އައްޑޫއިން ހިއްކާ ބިންތަކުގެތެރޭގައި ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި 40 ހެކްޓަރުގެ ސަރަހައްދަކާއި، މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދަކާއި، ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށުގެ އިތުރުން ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު ކަމަށެވެ. މި މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އައްޑޫގެ ބިން ހިއްކުމުގެ ކުރިން ތައްޔާރު ކުރި އީއައިއޭ ރިޕޯޓު ބުނާ ގޮތުން ބިން ހިއްކާއިރު އުފެދޭ ކިސަޑުގަނޑު އަތޮޅުގެ އެތެރެވަރިއަށް ފޭދިގެން ގޮސް ކަނޑުއަޑީގެ މާހައުލަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން، އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދެއް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތްކަން އީއައިއޭ ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމާ ހެދި، މަޝްރޫއު ހުއްޓާލަން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމިއްޔާތަކާއި މަދަނީ އެހެނިހެން ޖަމިއްޔާތަކުން މީގެ ކުރިން ވަނީ ގޮވައިލައިފަ އެވެ. މަޝްރޫއު ހިންގަނީ ޓޫރިޒަމް ވެސް ކުރިއަރުވަން ކަމަށްވާއިރު، ކަނޑުއަޑީގެ މާހައުލު ހަލާކުވުމުން ކުރެވޭނީ ކޮންކަހަލަ ޓޫރިޒަމެއްތޯ އެ ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދައިފައެވެ.

މި ލިއުމާއި ގުޅޭ