ހުޅުމާލޭގައި މިއަދުން ފެށިގެން ތިން ދުވަހަށް ސިފައިން ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން އެދެފިއެވެ.
އެމްއެންޑީއެފުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ތަމްރީނުތައް ކުރިއަށްގެންދާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 ފެށިގެން ހަވީރު 6:00 އަށް ޖުމްލަ 12 ގަޑިއިރު ކަމަށެވެ.
އެހެންވެ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަމެއް ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އިދާރާއިން ވަނީ އާއްމުކޮށް އަންގާ އިއުލާންކުށްފައެވެ.
އެމްއެންޑީއެފުން ބުނީ އެ ތަމްރީނުތަކުގައި ބޭނުން ކުރާނީ ހުޅުމާލޭގެ ބޭރު ފަރާތް ކަމަށާއި އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ވެސް ބޭނުން ކުރާނެ ކަމަށެވެ.
އެގޮތުން ވައިގެ ސަރަހައްދު ބޭނުން ކުރާނީ ހުޅުމާލޭ ބޭރު ފަރާތުން 11.25 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި އެ ހިސާބުން 5000 މީޓަރު ދުރުމިނަށް އަދި 300 މީޓަރު މައްޗަށް ވައިގެ ސަރަހައްދު ބޭނުން ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.