މި އަހަރުގެ މިހާތަނަށް ސަރުކާރުން ދަތުރުތަކަށް 92 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2023 އިން 18 މެއި 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 92.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 17.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 75 މިލިއަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް އައިއިރު ސަރުކާރު ދަތުރުތަކަށް ގިނަ އަދަދެއްގެ ރުފިޔާ ޚަރަދުކޮށްފައިވާއިރު އަހަރު ފެށުނީއްސުރެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގެންދެވީ ދަތުރުކުރައްވަމުންނެވެ.
މިއަހަރު ދަތުރުތަކަށް މުޅި ޖުމުލަ ބަޖެޓުކޮށްފައިވަނީ 210.2 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ދަތުރުތަކަށް ޚަރަދުކުރާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރިވަރަށް ވުރެ އެތަށް މިލިއަނެއް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައިވެއެވެ.
ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ޚަރަދެއްކޮށްފައިވާއިރު މިއީ އިންތިހާބު އަހަރު ކަމުން، ރައީސް އިބްރާހިމް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ދައުލަތުގެ ޚަރަދުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ބައެއް ބޭރު ޤައުމުތަކަށް ދަތުރުކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހިމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.