Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގެ އަޑު އެހުމެއް މިއަދު ބާއްވަނީ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދުގެ ތަފުސީލު ހާމަނުކުރި މައްސަލައިގައި އަޑު އެހުމެއް މިއަދު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ހައި ކޯޓުގައި މިއަދު ހެނދުނު 11:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި އަޑު އެހުމަކީ މި މައްސަލަ އާއި ގުޅިގެން ބާއްވާ 3 ވަނަ އަޑު އެހުމެވެ. މީގެ ކުރިން މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި މައްސަލަ ލައިވްކޮށް ކުރިއަށް ގެންދަން އެދުމުން، އެގޮތަށް ކުރިއަށް ގެންދަން ނިންމުމަށްފަހު އަދި މިހާތަނަށް މައްސަލާގައި މައުޟޫއީ ގޮތުން ވާހަކަ ދެއްކުމަށް އެންމެ އަޑު އެހުމެއްވެސް ނުބޭއްވެއެވެ.

އެންމެ ފަހުން މި މައްސަލަައިގެ އަޑު އެހުމެއް ބޭއްވީ ޖެނުއަރީ 24 ގައެވެ. އެދުވަހުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުންވަނީ މައްސަލަ އޮތްގޮތަށް ކުރިއަށް ގެންދެވޭނެތޯ މައްސަލަ ރައްދުވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ސުވާލުކޮށްފައެވެ. އެ އޮފީހުން ވަނީ އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައެވެ.

އެފަހުން މި މައްސަލައަށް ޑިފެންސް މިނިސްޓްރީން ވަނީ ތަދައްހުލްވެފައެވެ. އެ މިނިސްޓްރީން ތަދައްހުލްވިފަހުން އަދި މިހާތަނަށް އަޑު އެހުމެއް ނުބޭއްވެއެވެ.

ތަދައްހުލު ވުމަށް އެދޭ ސަބަބެއް ކަމަށް ޑިފެންސުން ބުނީ، ހައިކޯޓުން ހުކުމްކުރާ ގޮތަކުން އެ މައްސަލައިގައި ހޯދަން އެދޭ މައުލޫމާތު ދޫކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އެ މައްސަލައަށް ތަދައްހުލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީ އެވެ. ދައުލަތުން އެދުނީ އެހެންވެ، އެ މައްސަލަ ތަދައްހުލުކޮށްދެއްވައި، މައްސަލައިގައި ދައުލަތުގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ބަދަލުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ މޭރުމުން ހުކުމް ކޮށްދެއްވުމަށް އެދިފައިވެ އެވެ.

މި މައްސަލައަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން "ދިޔަރެސް" ނޫހުގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީގައި އެދުމުން، އެ މިނިސްޓްރީން އެ މައުލޫމާތު ހާމަނުކުރުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން އެ އޮފީހުން ޑިފެންސް މިނިސްޓްރީގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށް ނިންމުމާއި ގުޅިގެން ހައިކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ.

މި މައްސަލަ "ދިޔަރެސް" ގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބިއިރު އެ ސިފައިންގެ އަދަދު މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސް ނަންގަވައިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ފެއްޓެވުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.
މި ލިއުމާއި ގުޅޭ