ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަމުގެ މުއްދަތު އިތުރު ފަސް އަހަރަށް ދިގުދަންމާލުމަށް ފުރުޞަތު ލިބިގެންދިޔަ ތާރީހީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އެގައުމުގެ ރައީސް ކަމުގެ ހުވާ އެމަނިކުފާނު ކުރައްވައިފިއެވެ.
އުމުރުން 69 އަހަރުގެ ލީޑަރު ހޮނިހިރު ދުވަހު އޭނާގެ ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭބޭފުޅުންގެ ނަންފުޅުތައް ހުށަހަޅުއްވާނެ ކަމަށްބެލެވޭއިރު، އެ ކެބިނެޓާ ކުރިމަތިވާނީ އިންފްލޭޝަން ބޮޑުވެ، ލީރާ ވެއްޓުނު އިގްތިސާދީ ކާރިސާއަކާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ރައީސްގެ ހައިސިއްޔަތުން ތުރުކީގެ ބޮޑު ގައުމާއި ތާރީޚުގެ ކުރިމަތީގައި އަޅުގަނޑުގެ ޝަރަފާއި ނަޒާހަތްތެރިކަމުގެ ހުވާ ކުރަނީ ދައުލަތުގެ ދެމިއޮތުމާއި މިނިވަންކަން ހިމާޔަތް ކުރުމަށް،" ޓީވީން ލައިވްކޮށް ގެނެސްދޭ އަންކާރާގެ ޕާލަމެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރުދުޣާން ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ރިޔާސީ ގަނޑުވަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި ދުނިޔޭގެ ގިނަ އަދަދެއްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅަނގުގެ ގައުމުތަކާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ތުރުކީގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށް ޑިޕްލޮމެޓިކް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ތުރުކީވިލާތުގައި މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އުދުޣާން ކާމިޔާބު ކުރެއްވީ އިދިކޮޅު ބާރުގަދަ ކޯލިޝަނަކާ ވާދަކޮށް، ފެބްރުއަރީ މަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ރަސްމީ ނަތީޖާދައްކާ ގޮތުން އުރުދުޣާން އަށް 52.2 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ވާދަވެރި ކެމަލް ކިލިކްޑަރޮގްލޫ އަށް ލިބިވަޑައިގެންނެވީ 47.8 ޕަސެންޓެވެ.
ތުރުކީގެ އިސްތަންބޫލަށް 1954 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުފަންވި ރަޖަބް ޠައްޔިބް އުރުދުޣާން އަކީ ތުރުކީގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އުރުދުޣާންގެ ސިޔާސީ ދަތުރު ފެށުނީ 1970 ގެ އަހަރުތަކުގެ ކުރީކޮޅު އިސްލާމީ އެކިއެކި ޖަމިއްޔާތަކާ ގުޅިވަޑައިގަތުމުންނެވެ.
1994 ވަނަ އަހަރު އިސްތަންބޫލްގެ މޭޔަރަކަށް އިންތިޚާބުވެވަޑައިގެންނެވިއިރު، އެ މަގާމުގައި އޭނާ ހުންނެވީ 1998 ވަނަ އަހަރާ ހަމައަށެވެ. ނަމަވެސް 1997 ވަނަ އަހަރު ދީނީ ނަފްރަތު އުފެއްދުމުގެ ކުށް ސާބިތުވެ އެތައް މަހެއް ވަންދެން ޖަލުގައި ހޭދަކުރެއްވި އެވެ.
މިނިވަންވުމަށްފަހު އުރުދުޣާން ވަނީ 2001 ވަނަ އަހަރު ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އުފައްދަވައި އެ ޕާޓީގެ ލީޑަރުގެ މަގާމު އަދާކުރައްވާފައެވެ.
2003 ވަނަ އަހަރު ތުރުކީގެ ބޮޑުވަޒީރަކަށް ވެވަޑައިގެން 2007 ވަނަ އަހަރާއި 2011 ވަނަ އަހަރު އަލުން އިންތިޚާބުވެވަޑައިގެންނެވިއިރު، ބޮޑުވަޒީރުކަމުގެ މުޅި ދުވަސްވަރު އަދި ފަހުން 2014 ވަނަ އަހަރު ތުރުކީގެ ފުރަތަމަ ސީދާ ރައީސްގެ މަގާމުގައި އުރުދުޣާން ވަނީ އިގްތިސާދީ ތަރައްގީއާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ތުރުކީގެ ސަރަހައްދީ ކަންކަން ސާބިތުކޮށްދެއްވި ބޮޑު އެޖެންޑާއެއް ކުރިއަށް ގެންދަވާފައެވެ.
އޭނާގެ ދައުރުގައި ކާމިޔާބީތަކާއި ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ޕޮލަރައިޒޭޝަން އިތުރުވުމާއި، ވާހަކަ ދެއްކުމުގެ މިނިވަންކަމަށް ހުރަސްއެޅުން، އަދި ޚިޔާލުތަފާތުވުންތައް ހުއްޓުވުން ހިމެނެއެވެ.
އުރުދުޣާންގެ ލީޑަޝިޕް ސްޓައިލާއި ސިޔާސަތުތަކުގެ ސަބަބުން އޭނާ ވަނީ ތުރުކީގެ މިޒަމާނުގެ ތާރީހުގައި ވަރަށް ނުފޫޒުގަދަ އަދި ބައިބައި ކުރުވަނިވި އާދަޔާ ޚިލާފު ލީޑަރެއްގެ ގޮތުގައި ފާގަގަ ވެފައެވެ.