މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ ރިޒާގެ އެކުވެރި ބޭފުޅެއްގެ ކުންފުންޏަކުން ށ.ފޯކައިދޫގައި ހިންގަމުން އަންނަ މަޝްރޫޢަކަށް މިލަންދޫ ފެނަކައިގެ މުވައްޒަފުން ބޭނުންކުރަމުން އަންނަކަން ހާމަވެއްޖެއެވެ.
ރިޒާއާ ގާތް ގުޅުމެއް އޮންނަ އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ މުހައްމަދު ފަހީމުގެ މީހާފު ކުންފުންޏާ ހެލްތު މިނިސްޓްރީން ހަވާލުކޮށްގެން ހިންގާ ށ.ފޯކައިދޫގެ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމާއި އެހެނިހެން މަސައްކަތްތަކުގައި މިލަންދޫ ފެނަކައިގެ 9 މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިލަންދޫ އައު އިންޖީނުގޭގެ މަސައްކަތްކުރުމަށް ފެނަކައަށް ނަގާފައިވާ މި މުވައްޒަފުން ފޯކައިދޫގައި މީހާފު ކޮންސްޓްރަކްޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާން ފޮނުވާފައިވަނީ އެ މުވައްޒަފުންގެ މުސާރައާއި އިތުރު އެއްވެސް އިނާޔަތެއް އުނިނުވާ ގޮތަށް، ރަށުން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ އިނާޔަތްވެސް ފެނަކައިން ދޭ ގޮތަށް ކަމުގައި އިތުބާރުކުރެވޭ މަސްދަރުތަކުން "ދިޔަރެސް"އަށް ކަށަވަރުވެފައިވެއެވެ.
ފެނަކައިން އެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތުގެ އިތުރަށް މީހާފު ކޮންސްޓްރަކްޝަނުން އެ 9 މުވައްޒަފުންނަށް ފޯކައިދޫގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300 ރުފިޔާ ދެއެވެ.
މި މައްސަލައިގެ އިތުރަށް މިލަންދޫ ފެނަކައިގެ އައު އިންޖީނުގޭގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުން ލައްވައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުގެ ގޭގޭގައި މަސައްކަތްކުރުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެކަމާ ހިތްހަމަނުޖެހިގެން އެގޮތަށް މަސައްކަތްކުރަން ދެކޮޅު ހެދި ބައެއް މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ އިންޒާރުދީ ބިރުދައްކާފައިވެއެވެ.
މިލަންދޫގައި އައު އިންޖީނުގެ އެޅުމަށްކަމަށް ބުނެ ފެނަކައިން ގިނަ އަދަދަކަށް މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ވަޒީފާއަށް ނަގާފައިވެއެވެ. ކުރާނެ މަސައްކަތެއް ނެތުމުން މެންބަރު ރިޒާ އަންގަވާ ގޮތަކަށް ރަށުގެ ޕާކުތަކާއި ގޮނޑުދޮށް ބަލަހައްޓައި ޕާކުތަކަށް ފެންޖެހުން ފަދަ މަސައްކަތް އެ މުވައްޒަފުން ކުރެއެވެ. އިންޖީނުގެ އެޅުމަށް ކަމުގައި ބުނެ ފެނަކައިން ވަޒީފާ ދީފައިވާ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ކުރާ މަސައްކަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެމްޕެއިން ކުރުންކަމަށް އެ ރަށުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.
އައު އިންޖީނުގޭގެ މަސައްކަތަށް ކަމުގައި ބުނެ ގިނަ އަދަދެއްގެ ބަޔަކަށް މިލަންދޫން ވަޒީފާ ދިން ނަމަވެސް މިހާތަނަށް އައު އިންޖީނުގޭގެ ފައުންޑޭޝަނުގެ މަސައްކަތްވެސް ނުނިންމާކަމަށްވެސް އެ ރަށުން މައުލޫމާތުދެއްވި ބޭފުޅާ ވިދާޅުވިއެވެ.