ރާއްޖޭގެ ކަނޑުން ބައެއް ވިއްކައިލާފައިވާކަމުގެ ހެއްކަކީ ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދުގައި ދާއަޅައިގެން މަސްވެރިކަންކުރަން ފަށާފައިވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓު "އަނެއް ދިވެހިރާއްޖެ" އެކައުންޓުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާޅަވަހީގެ އުތުރުން، އައްޑޫގެ ދެކުނުން ދާއަޅާ ބޯޓުފަހު މިހާރު ފެންނަކަމަށް ބުނާ ކަމަށެވެ.
އެއާއެކު ނަޝީދުވަނީ ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ގެއްލުނު ބައިގައި ދާއެޅުމުގެ ހުއްދަދިނީ ކޮން ބައެއްތޯ ސުވާލު އުފައްދަވާފައެވެ. "ރާއްޖެއިން ގެއްލުނު ސަރަހައްދާ އަޅަން ލައިސެންސް ދިނީ ކޮން ބަޔަކަށް ބާ؟،" ނަޝީދު ސުވާލުކުރެއްވިއެވެ. އަދި އެ ބަޔަކު ރާއްޖެއައިތޯ ސުވާލުކުރެއްވުމާއެކު ނަޝީދު ވިދާޅުވީ ކަނޑު ވިއްކިކަމަށް ބުނަނީ ކަނޑު ގަތް މީހުންވެސް ފެންނާތީ ކަމަށެވެ.
އޭގެ އިތުރަށް މަސް ބޯޓުތައް ޓްރެކުކުރާ އެޕެއް މެދުވެރިކޮށް ނަގާފައިވާ ސެޓެލައިޓު ފޮޓޯއެއް ހިއްސާކުރައްވައި ނަޝީދު ވިދާޅުވީ އައްޑޫގެ ދެކުނުން ގެއްލުނު ސަރަހައްދުގައި މިހާރު ދާއަޅަން ފަށާފައިވާ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ކަމެއް ސާބިތުކުރުމަށް "ސްމޯކިން ގަން" ނުވަތަ ދުން އަރާ ބަނޑިއެއް ފެންނަންޖެހޭނެ ކަމަށެވެ. އިނގިރޭސިބަހުގައި އެ ބަސް ބޭނުންކުރަނީ ޤަރީނާ ނުވަތަ ބާރުހުރި އާރުލާ ހެއްކެއް ފެނުމުގެ މާނައިގައެވެ. ނަޝީދު ވިދާޅިވީ ކަނޑު ވިއްކާފައިވާކަމުގެ "ސްމޯކިން ގަން"އަކީ ކަނޑުން ގެއްލުނު ބައިގައި ދާއަޅަން ހުއްދަ ލިބުން ކަމަށެވެ.
ނަޝީދުގެ އަމިއްލަފުޅު އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ރާއްޖެއިން ގެއްލުނު ސަރަހައްދުގައި ދާއަޅާ ބޯޓުފަހަރުގެ ވެރިން ރާއްޖެ އައިތޯ ސުވާލުކުރެއްވިއެވެ. އައިނަމަ އެމީހުން ބައްދަލުކުރީ ކާކާތޯވެސް ނަޝީދު ސުވާލުކުރެއްވިއެވެ.
ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެއްބަސްވެވަޑައިގަތުމުން ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ލިބޭނެކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޮރިޝަސްއަށް ލިބުނު ބައި ގަތުމަށް އުޅުނު ބަޔަކު ހޯދަންޖެހޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.