Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ސިޔާސީ ލީޑަރުން ކަންކުރައްވާ ގޮތާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން

ސިޔާސީ ލީޑަރުން ކަންކުރައްވާ ގޮތް ވިދާޅުވެދެއްވައި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓަކަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުން ކަންކުރައްވާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގައި ރައްޔިތުން ލައްވައި ގޯސް ހައްދަވާފައި މައިދާނުން ފިއްލެވުން ކަމަށެވެ.

މިފަދައިން އިމްރާން ވިދާޅުވެފައިވާއިރު 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު މާލޭގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވީ އިމްރާނެވެ. އޭނާ އެ ދުވަހު އެތަނަށް އެއްވެ ތިބި އެތައްހާސް ބައެއްގެ ކުރިމަތީގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި ޤަތުލުތަކެއްގެ އިލްޒާމު އެޅުއްވިއެވެ.

އެ ދުވަހު އިމްރާން ދެއްކެވި ވާހަކަފުޅުގައި އަތްޕުޅަށް ގަނޑުތަކެއް ނަންގަވައި، ޑރ.އަފްރާޝީމް އަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ ޤަތުލުގެ ޙަޤީޤަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމުގެ ކިތާބީ ހެއްކަކީ އަތްޕުޅުގައި ހުރި ގަނޑުތައްކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ކުރީ ސަރުކާރުގެ އިސްވެރިންނާމެދު ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް އިމްރާން އެ ދުވަހު ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެތަނުގައި ފުލުހުންނަށް ހަމަލާދީ ފުލުހަކު ބިންމައްޗަށް ވައްޓައިލާ އޭނާ ގައިގައި ތަޅައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ.

ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ތެރެއަށް ޕިކަޕެއް ވައްދައި ފުލުހެއް ގައިގައި ތެޅިއިރު އިމްރާނު އެތަނުގައި ނެތެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން އިމްރާން ހައްޔަރުކުރީ އޭނާ އެއިރު ދިރިއުޅުއްވި ކުރީގެ އަނބިކަނބަލުންގެ ގެކޮޅު މ.މުސްތަފާއާބާދުންނެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ މިފަދައިން ކަންކުރުމުން ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. "ލީޑަރުން" ތިއްބަވަނީ ފިއްލަވައިކަމަށް ވިދާޅުވެ، ކޮންމެ ފިކުރަކަށް ނިސްބަތްވިއަސް އެއްވެސް ރައްޔިތަކަށް އެގޮތަށް ވިޔަނުދޭން އިމްރާން ގޮވައިލެއްވިއެވެ.

އިމްރާނުގެ މި ޓުވީޓު 60 އާ ގާތްކުރާ އަދަދަކަށް މީހުން ރިޓުވީޓުކޮށްފައިވާއިރު، އެއިން ގިނަ ބަޔަކު ބުނަނީ އިމްރާނުގެ މި ޓުވީޓުން ފެންނަނީ އޭނާގެ ލަދުހަޔާތް ނެތްކަން ކަމަށެވެ. އަދި އިމްރާން އެދައްކަވަނީ އަމިއްލަފުޅު ނަފުސުގެ ވާހަކަކަމަށްވެސް އެއް ބަޔަކު ބުންޏެވެ.

އެއިން ބައެއް މީހުންވަނީ މޭޑޭ މުޒާހަރާގައި ރައްޔިތުން ލައްވައި ގޯސް ހެދުމަށްފަހު އެ މުޒާހަރާގައި އިސްކޮށް ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަޙީދާއި އިމްރާނު މައިދާނުން ފިއްލެވިކަން ހަނދުމަފުޅުވޭތޯ ސުވާލުކޮށްފައެވެ. އަދި އިމްރާން ފިއްލެވުމަކީ ދީނާއި ޤައުމަށްޓަކައި ޤުރުބާންވުންތޯވެސް ސުވާލުކޮށްފައިވެއެވެ.

އިތުރު މީހަކުވަނީ އެކި މަހައްލުތަކުގައި ޑރ.އަފްރާޝީމުގެ ޤަތުލުގެ ޒިންމާ އެކި ފަރާތްތަކުގެ ބޮލުގައި އަޅުވައި އިމްރާން ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ ހިއްސާކޮށްފައެވެ. އެގޮތުން 2013 ގައި ޑރ.އަފްރާޝީމުގެ މަރު އެމްޑީޕީގެ ބޮލުގައި އެޅުވުމަށްފަހު، 2015 ވަނަ އަހަރު ރައީސް ޔާމީނުގެ އިސްތަށިފުޅުގައި އެ ޤަތުލު އަޅުއްވައި އިމްރާން ދެއްކެވި ވާހަކަފުޅުތައް އެ ވީޑިއޯއިން ފެނެއެވެ.

އަދި މޭޑޭގައި އަތްޕުޅުގައި ހުރިކަމަށް އިމްރާނު ވިދާޅުވި ހެއްކާ ގުޅޭ ގޮތުން އޭނާ ކަންކަން ކުރެއްވި ގޮތް ކިޔައިދެމުން އެކަކު ބުނީ އެ ހެކި ފުލުހުން ގެންދިޔަ ކަމަށް ވިދާޅުވެފައި، ހޯމް މިނިސްޓަރުގެ މަޤާމުގައި 5 އަހަރު ހޭދަކުރެއްވީ އެއިން އެއްވެސް ކަމެއް ނުބައްލަވައި ކަމަށެވެ.

މޭޑޭ މުޒާހަރާގެ ގޮތުގައި މަޝްހޫރުވި އެއްވުމުގައި ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ދިންއިރު އެ އެއްވުން އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި، އަދި އެ އެއްވުމުގެ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވާނެކަމަށް އެއްބަސްވެވަޑައިގެންނެވި އިމްރާން އެ ފުލުސް އޮފިސަރުގެ ކިބައިން މައާފަށް އެދިވަޑައިގެންފައިނުވެއެވެ.

އިމްރާނާއި ސަރުކާރުގެ ވެރިން އަންނަނީ މިރޭ އިދިކޮޅު ފަރާތްތަކުން ކަނޑު ވިއްކައިލުމާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުމަކީ ހަމަނުޖެހުން ހިންގައި އަމާންކަން ނަގައިލުމަށް ބާއްވާ އެއްވުމެއްކަމަށް ދައްކަން މަސައްކަތްކުރަމުންނެވެ. ނަމަވެސް މިރޭ އިދިކޮޅުން ބާއްވަނީ ޖަލްސާއެކެވެ. މުޒާހަރާއެއް ނޫނެވެ.

އަދި ޖަލްސާ ބާއްވަން އިޚުތިޔާރުކޮށްފައިވަނީ ޤާނޫނުގެ ދަށުން ކުރިއާލާ ހުއްދަ ހޯދުމެއް ނެތި މާލޭގައި އެއްވެވޭނެ ކަމަށް ބުނެފައިވާ ކާނިވާ ސަރަހައްދެވެ. އަދި ކަނޑު ވިއްކައިލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުންވަނީ މި ޖަލްސާއަކީ ސުލްހަވެރި ޖަލްސާއަކަށްވާނެކަމުގެ ޔަގީންކަން ދީފައެވެ.

މި ލިއުމާއި ގުޅޭ