Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ގަދަކަމުން ޖަގަހަ ހިންގަން އެމްޑީޕީއިން ކުރާ މަސައްކަތަކީ ވަރަށް ނާތަހްޒީބު އަމަލެއް: މާލެ ސިޓީ ކައުންސިލް

ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ކުއްޔަށް ހިފާފައިވާ ހ. ވެޔޮވިލާގޭގައި ހަދާފައިވާ ޖަގަހަ ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް އެތަން ބޭނުންކުރަމުންދަނީ އެގޯތީގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި ތަނުގެ ޔުޓިލިޓީ ބިލްތައް ނުދައްކާ ގަދަކަމުން ކަމަށް އެ ގޯތީގެ ވެރިފަރާތުން ބުނަމުންދާކަމަށް ކައުންސިލްގެ ޖަލްސާގައި ހުށަހެޅިފައިވާތީ، ވެރިކަންކުރާ ޕާޓީން ޖަގަހަ ހިންގަން ކުރާ މަސައްކަތަކީ ވަރަށް ނާތަހްޒީބު ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސިޓީގައި ހިމެނޭ މާލޭގެ ރަށްވެހިންނަށް އެތައް އަހަރެއްގެ ކުރިން ދޫކޮށްފައިވާ ގޯތި ގެދޮރުތަކުގެ ތެރޭގައި ހިމެނޭ ހ. ވެޔޮވިލާގެ ވެރިފަރާތުގެ ބާރުކެނޑޭގޮތަށް ސަރުކާރުގެ އާރާއިބާރު ބޭނުންކުރައްވައިގެން އަދި ގަދަބަދަވިކަން ދައްކުވައިގެން އެފަރާތުގެ ނުރުހުމުގައި އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހެދުމަށް އެމްޑީޕީގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމާއި،މުނިސިޕަލް ޚިދުމަތް ދޭ ފަރާތުގެ ހައިސިއްޔަތުންނާއި އަދި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ޤަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މާލޭ ސިޓީގައި ކުއްޔަށް ދޫކުރާ ތަންތަނުގެ ދަފްތަރު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާގައި، ގޮވަތި ގެދޮރަކީ ހުރުމަތްތެރި ވެގެންވާ ތަނެއްކަމާއި، ކޮންމެ މީހަކުވެ އަނެކުންގެ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށް ބުނެފައި ވީނަމަވެސް މިއަދު އެމްޑީޕީގެ ފަރާތުން ކުއްޔަށް ހިފާފައިވާ ހ. ވެޔޮވިލާގޭގައި ހަދާފައިވާ ޖަގަހަ ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް އެތަން ބޭނުންކުރަމުންދަނީ އެގޯތީގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި ތަނުގެ ޔުޓިލިޓީ ބިލްތައް ނުދައްކާ ގަދަކަމުން ކަމަށް އެ ގޯތީގެ ވެރިފަރާތުން ބުނަމުންދާކަމަށް ކައުންސިލްގެ ޖަލްސާގައި ހުށަހެޅިފައިވާތީ، ވެރިކަންކުރާ ޕާޓީން ޖަގަހަ ހިންގަން ކުރާ މަސައްކަތަކީ ވަރަށް ނާތަހްޒީބު ކަމެއްގެ ގޮތުގައި ދެކެމެވެ." އެބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނީ މާލޭ ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ގެދޮރުގެ ހުރުމަތް ކެނޑޭގޮތަށް އެމްޑީޕީން ކުރަމުންގެންދާ ކަންކަމުގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ރަށްވެހިކަމާއި ގުޅިފައިވާ އެންމެހައި ކަންކަމުން ދިމާވާ މައްސަލަތަކަކީ ނުވަތަ މާލޭ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތަކަކީ މާލޭ ސިޓީ ކައުންސިލުންވެސް ބަސްބުނަންޖެހޭ ކަމަށެވެ.

"އެހެންކަމުން މި ކައުންސިލުގެ މަސްލަހަތު ހިމެނޭ ކަމެއްކަމުގައި ދެކޭތީ، މާލޭ ސިޓީގެ ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ގެދޮރު ތަކުގެ ހުރުމަތް ކެނޑޭގޮތަށް އަދި އެފަދަ ބިންތަކުގެ ވެރިފަރާތްތަކުގެ ބާރު ނިގުޅައިގަންނަގޮތަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ