ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ހިޔާ ފްލެޓްގައި ޖެހިޖެހިގެން ހުރި ދެ އެޕާޓްމެންޓްގެ ފާރު ތަޅާލުމަށް ފަހު ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެތަނުގެ ވެރިފަރާތް 200،000ރ. އިން ޖޫރިމަނާކޮށް އަދި ފާރު އަލުން ރާނަން އެންގުމުން އެގޮތަށް ނުހެދުމުން، އެ ދެ އެޕާޓްމެންޓް އަތުލަން އާބަންކޯ އިން ނިންމި ނިންމުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެޕާޓްމެންޓްގެ ވެރިފަރާތުން އެދުމުން އެފަދަ އަމުރެއް ނެރެދެވޭނެ ޖާގައެއް ނެތްކަމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލާގައި އެ ދެތަނުގެ ވެރިފަރާތްތަކުން ސިވިލް ކޯޓުގައި އެދުނީ އެއްބަސްވުން ބާތިލްކޮށް، އެޕާޓްމެންޓްތައް އަތުލަން އާބަންކޯއިން ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް ހުށަހަޅަން ގަސްދު ކުރާތީ އެ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެހެންނަމަވެސް ސިވިލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށެވެ. އެހެންވެ، އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލާގައި އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި ، އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައިވަނީ އާބަންކޯގެ އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މި މައްސަލައިގައި ކޯޓުގެ ނިންމުމުގައިވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
އާބަންކޯއިން ފުލެޓްގެ ވެރިފަރާތަށް އަންގާފައިވަނީ އެ އެޕާޓްމަންޓް 14 ދުވަހުގެ ތެރޭގައި ހުސްކޮށް އާބަންކޯއާއި ހަވާލުކުރަން ޖެހޭނެ ކަމަށާއި މިހާތަނަށް ނުދައްކާ ހުރި ކުލި 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށެވެ.