Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ރޯމާ ބަލިކޮށް ޔޫރޮޕާ ލީގު ސެވިއްޔާ އިން ކާމިޔާބު ކޮށްފި

ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގ 1-4 އިން ރޯމާ ބަލިކޮށް ސެވިއްޔާ އިން އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދައިފި އެވެ.

ހަންގޭރީގެ ބުދަޕެސްޓުގައި ކުޅުނު ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު އެއްވަރުވުމުން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ރޯމާގެ ކުޅުންތެރިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެކަމަކު ސެވިއްޔާ އިން ވަނީ އެޓީމުގެ ފުރަތަމަ ފަސް ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ރޯމާގެ ގޯލު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ. ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ސެވިއްޔާ އިން އެއްވަރުކުރި ގޯލަކީ ރޯމާގެ ޖިއަންލޫކާ މަންސީނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗަށް ނުކުތްއިރު ޔޫރޮޕާ ލީގުގެ ހަ ފައިނަލުން ސެވިއްޔާ އޮތީ މޮޅުވެފަ އެވެ. އަނެއްކޮޅުން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ޔޫރަޕްގެ ފައިނަލްތަކުގައި އޮތީ ސަތޭކަ ޕަސެންޓް ރެކޯޑެކެވެ. ރޭގެ މެޗާ އެކު މޮރީނިއޯގެ ރެކޯޑް ނިމުނުއިރު ސެވިއްޔާ އިން ޔޫރޮޕާ ލީގުގެ ކާމިޔާބީ ވަނީ ދަމަހައްޓައިފަ އެވެ.

ސެވިއްޔާ އިން މިހާރު ވަނީ ހަތް ފަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ރެކޯޑެކެވެ. މޮޅާ އެކު އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ސެވިއްޔާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ސްޕެނިޝް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން، ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން ސެވިއްޔާ އަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދަން އޮތީ މަޖުބޫރުވެފަ އެވެ.

ރޭގެ މެޗަށް ފަހު މޮރީނިއޯ ވަނީ އޭނާ އަށް ލިބުނު ލޯ މެޑަލް ދަނޑުގައި އިން ސަޕޯޓަރަކަށް ހަދިޔާކޮށްފަ އެވެ. ކުޑަކުއްޖަކަށް މޮރީނިއޯގެ މެޑަލް ދަނޑުމަތީގައި ހުރެފައި އެއްލުމަށް ފަހު ބުނީ، ލޯ މެޑަލް އޭނާ ނުބަހައްޓާ ކަމަށާއި އޭނާ ބޭނުންވަނީ ރަން މެޑަލް ކަމަށެވެ.

މި ސީޒަނުގައި އަދި ޔޫރަޕްގެ ދެ ފައިނަލް އެބައޮތެވެ. އެއީ ޔޫއެފާ ކޮންފަރެންސް ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ފިއޮރެންޓީނާ ވާދަކުރާ މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ވާދަކުރާ މެޗެވެ.

މި ލިއުމާއި ގުޅޭ