ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް އެނގިވަޑައިނުގަތުމަކީ ބަންޑާރަނައިބުގެ މަޤާމުން އިބްރާހީމް ރިފްއަތު ވަކިކުރަންޖެހޭ އިތުރު ސަބަބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބައެއް ގެއްލުނު މައްސަލާގައި ރިފްއަތުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމުން ލިޔުމުން ޖަވާބު ފޮނުއްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. އުޝާމު ވިދާޅުވީ ޤާނޫނު އަސާސީގައި ބަންޑާރަނައިބު ބޭނުންފުޅު ގޮތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ އިޚުތިޔާރު ދީފައި ނެތްކަމަށެވެ.
މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވެއެވެ.ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ)
ޤާނޫނު އަސާސީގައި ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ 101 ވަނަ މާއްދާ (ށ)އަށް އިޝާރާތްކުރައްވައި އުޝާމު ވިދާޅުވީ އެ މާއްދާއިން ދޭހަވަނީ އަނގަބަހުންނާއި ލިޔުމުން ދިފާއުވެވިދާނެކަން ކަމަށެވެ. އެ ދެ ގޮތުން އެއް ގޮތް އިޚުތިޔާރުކުރެވިދާނެކަމަށް އެ މާއްދާއިން ދޭހަނުވާކަަމަށެވެ. އެގޮތުން އެ މާއްދާގެ އިނގިރޭސި ތަރުޖަމާއިންވެސް އެކަން ސާފުވާކަން އުޝާމު ފާހަގަކުރެއްވިއެވެ.
އިތުރަށް އުޝާމު ވިދާޅުވީ ޖަވާބުދާރީވުމާއި ނުވުމަކީ ވަޒީރުގެ ޙައްޤެއް ކަމަށެވެ. އެގޮތުން އެވަޒީރަކު ޖަވާބުދާރީވުމަށް އެދިވަޑައިނުގަންނަވާނަމަ ލިޔުމުން އެކަން މަޖިލީހަށް އެންގެވިދާނެ ކަމަށާއި، ނަމަވެސް މަޖިލީހަށް ސިޓީއެއް ފޮނުއްވައި އެއީ ޖަވާބުދާރީވެވަޑައިގެންނެވީކަމަށް ވިދާޅުނުވެވޭނެ ކަމުގައިވެސް އުޝާމު ފާހަގަކުރެއްވިއެވެ.
"ޖަވާބުދާރީވުމުގެ ހައްގަކީ ދޫކޮށްލެވޭނެ ހައްގެ. އެހެންނަމަވެސް މިތަނަށް ސިޓީއެއް ފޮނުވާފައި ޖަވާބުދާރީވެއްޖައިމޭ ނުބުނެވޭނެ. ޖަވާބުދާރީވާނަމަ މިތަނަށް ހާޒިރުވެ އަނގަބަހުންނާއި ލިޔުމުން އެކަންކުރަންޖެހޭނީ. ޖަވާބުދާރީވާން ބޭނުންނުވާނަމަ މިތަނަށް ސިޓީއަށް ފޮނުވާފައި ތިމަންނަ ޖަވާބުދާރީވާން ބޭނުންނެތޭ ބުނީމާ ނިމުނީ،" އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބު އޮފީހުގެ މަތީ ފަންތީގެ ގިނަ މަޤާމުތައް އަދާކުރައްވާފައި އުޝާމު ވިދާޅުވީ ޤާނޫނު އަސާސީގައި މިހާ ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް އެނގިވަޑައިނުގަތުމަކީ ބަންޑާރަނައިބުގެ މަޤާމުން ރިފްއަތު ވަކިކުރަންޖެހޭ އިތުރު ސަބަބެއް ކަމަށެވެ. އަދި މިހާ ސާފުކަމެއް އޮޅުވައިލެއްވުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން މަސައްކަތްކުރައްވާތީ އުޝާމު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.