Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުށްކުރުން

ފިލައިގެން އުޅުނު ފައިހް ފޮރުވައި ދިނުމަށް އެހީވި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފި

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް، ފުލުހުން ހޯދަމުންދާ ކަން އެނގި ތިބެ އޭނާ ފޮރުވައި ދިނުމަށް އެހީވި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ލ. ގަން، ތުނޑި، ނެވަރކޯން، ޢަބްދުﷲ ޖުނައިދު އާއި، ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޝަބީބްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ކުށެއް ކޮށްފައިވާ މީހަކު ހައްޔަރު ކުރިއަނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ފައިހް ހައްޔަރު ކޮށްފައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނު ކުރިތާ މަސް ދުވަސް ފަހުން އަމިއްލައަށް ފުލުހުންނާއި ހަވާލުވުމުންނެވެ.
ފުލުހުން އޭނާ ހޯދަމުން ގޮސްފައި ވަނީ މި އަހަރުގެ ޖަނަވަރީ 14 ވަނަ ދުވަހުގެ 00:35 ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ މީހަކަށް ވުމުންނެވެ.

މިއާއެކު ކޯޓު އަމުރެއްގެ ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދާ ނުފެނިގެން، 15 ފެބްރުވަރީގައި މީޑިއާ މެދުވެރިކޮށް ފުލުހުން އިއުލާން ކުރިއެވެ. ނަމަވެސް ބަޔަކު ފައިހް ހައްޔަރުކުރިއަނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނުކަން ފަހުން ވަނީ އެނގިފައެވެ.

ފައިހުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ގައިގައި އަތްލުމުގެ ދައުވާއެވެ. މިތިން ދައުވާގެ ޝަރީއަތް އިއްޔެ ވަނީ ފަށައިފައެވެ.

މި ލިއުމާއި ގުޅޭ