Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީއާ ބައްދަލުކުރަން ޗައިނާއިން ދެކޮޅު ހަދައިފި

ވޮޝިންޓަން – ސީއެންއެން (30 މެއި): ޝަންގްރިއްލާ ޑައިލޮގުގައި އެމެރިކާ އާއި ޗައިނާގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޗައިނާއިން ދެކޮޅު ހަދައިފި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކާބީ ވަނީ އަންނަ ހަފްތާގައި ސިންގަޕޫރުގައި ބާއްވާ ޝަންގްރިއްލާ ޑައިލޮގުގައި ޗައިނާ އާއި އެމެރިކާގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމަށް ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ހުށަހެޅުމާ ދެކޮޅު ހަދަން ޗައިނާގެ ޑިފެންސް މިނިސްޓްރީން ނިންމުމުން މާޔޫސްކަން ފާޅުކޮށްފަ އެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީން މި ބައްދަލުވުމަށް ދެކޮޅު ހެދި ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ޗައިނާގެ ރަސްމީ މީޑިއާ މަސްދަރުތަކުން ބުނާ ގޮތުގައި އެމެރިކާއިން ތަކުރާރުކޮށް އެތެރޭގެ ކަންކަމަށް ވަދެ ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކާ މެދު ޗައިނާއިން ކަންބޮޑުވެ އެވެ.
ޗައިނާގެ ރަސްމީ މީޑިއާތަކުން ބުނާ ގޮތުގައި އެމެރިކާއިން މި އަމަލުތައް ކުރިއަށް ގެންދާހާ ހިނދަކު އެމެރިކާއާއެކު އަސްކަރީ މަޝްވަރާތަކެއް ނުހިނގާނެއެވެ. އެމީހުން އިތުރަށް ބުނެފައިވަނީ އެމެރިކާއާއެކު އަސްކަރީ އަދި ދިފާއީ މަޝްވަރާތައް ބޭއްވުމަކީ ބޭކާރު ކަމެއް ކަމަށެވެ.
ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއިން ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ޗައިނާއާ ދެކޮޅަށް ދެކޮޅުހެދުމަށް ހިތްވަރުދިނުމާއި، ޗައިނާއާ ބެހޭ ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ ސަބަބުން އެމެރިކާ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަދެގެންދެއެވެ.
ޗައިނާގެ ޖަޒީރާއެއް ކަމަށްވާ ޓައިވާން އިން 1949 ވަނަ އަހަރު ޗައިނާއާ ވަކިވެ ވަކި ސަރުކާރެއް (ބާޣީ ސަރުކާރެއް) ގާއިމްކުރި އެވެ. ވަކި ސަރުކާރެއް އެކުލަވާލި ނަމަވެސް ޓައިވާނުން މިނިވަންކަން އިއުލާންކޮށްފައެއް ނުވެއެވެ. ޗައިނާއިން ވަނީ ވަކި ތާރީހެއް އިއުލާންކޮށްފައި ނުވިނަމަވެސް ސުލްހަވެރިކަމާއެކު ނުވަތަ ގަދަކަމުން ޓައިވާން އަނބުރާ ހޯދައިފާނެ ކަމުގެ އިންޒާރު ދީފައެވެ.
ސިންގަޕޫރުގައި އަހަރަކު އެއްފަހަރު ބާއްވާ ޝަންގްރިއްލާ ޑައިލޮގަކީ އޭޝިއާގެ ސަލާމަތަށް އަމާޒުކޮށްގެން ބާއްވާ ތަފާތު ސަމިޓެއް ކަމަށާއި، މިއީ ސަރުކާރުތަކުގެ މެދުގައި ބާއްވާ ސަލާމަތީ ކޮންފަރެންސެއްގެ ގޮތުގައި ހިންގާ ސަމިޓެކެވެ. މި ސަމިޓުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝާންފޫ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާއާއި ޗައިނާގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމަކީ ދެގައުމާއި މުޅި ދުނިޔޭގެ މަސްލަހަތަށް ވެސް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ. އެމެރިކާއިން ބުނަނީ މިފަދަ ބައްދަލުވުމެއް ނުހިނގާނަމަ ހާލަތު ގޯސްވެ، ދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމަށެވެ.
އެހެންނަމަވެސް ޗައިނާއިން ސާބިތުކޮށްދެނީ އެމެރިކާއިން ގަސްތުގައި ހާލަތު ގޯސްކުރަމުންދާ ކަމަށެވެ. ޗައިނާގެ އައްސޭރިފަށަށް އަސްކަރީ އުޅަނދުތައް ފޮނުވައިގެން އެމެރިކާ ރުޅިއަރުވާލާ ކަމަށް ޗައިނާއިން ދޮގުކުރާއިރު، އެމެރިކާއިން ވަނީ ޗައިނާއާ ދެކޮޅަށް ޚާއްސަކޮށް ދެ ގްރޫޕެއް އުފައްދާފައެވެ. މި ޖަމާއަތްތަކުގެ ތެރޭގައި ޖަޕާނާއި އިންޑިއާ އަދި އޮސްޓްރޭލިއާގެ ސިޔާސީ އިއްތިހާދަކާއި އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ އަސްކަރީ ކޯލިޝަނެއް ހިމެނެއެވެ.
އޯކަސް ގްރޫޕަކީ ސީދާ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރާ އަސްކަރީ ޖަމިއްޔާއެކެވެ. މިއާ ޚިލާފަށް ޗައިނާއިން އެމެރިކާއަށް އަމާޒުކޮށްގެން އެއްވެސް އަސްކަރީ ޖަމާއަތެއް އުފައްދާފައި ނުވާއިރު، އެމެރިކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ އެވެ.
ޗައިނާއިން ބުނާ ގޮތުގައި އެމެރިކާގެ ސިޔާސީ އަދި އަސްކަރީ ސްޓްރެޓެޖީތަކުގައި ދުނިޔޭގެ މައިދާނުގައި ޗައިނާ ޕްރޮވޮކޭޓް ކުރުމަށް އިސްކަންދެ އެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ޗައިނާ ކުރިއަރަމުންދާއިރު، އެމެރިކާއިން ޗައިނާއަށް އެކި ގޮތްގޮތުން ޕްރެޝަރު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ގަބޫލުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާ މިހާރު ވަނީ އެމެރިކާއާ މެދު ވަރަށް ބޮޑަށް ނުރުހުންވެފައެވެ.
މި ލިއުމާއި ގުޅޭ