Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ހަރުގެއިން އެމްޑީޕީ ނެރުން ހުއްޓުވައިދޭންޖެހޭ ޤާނޫނީ ޙައްޤެއް އެ ޕާޓީއަށް ނުދެއްކުނު: ސިވިލް ކޯޓު

އެމްޑީޕީގެ މައި ހަރުގެ ހިންގަމުން އައި އިމާރާތް އަތުލުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރެއް ނެރުމަށް އެ ޕާޓީއަށް އޮތް ޤާނޫނީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނުދެއްކުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އެޕާޓީން އެދުނު އަމުރު ނެރެނުދިނެވެ.

ހަރުގެ ހުންނަ ބިން ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ބިމުގެ ވެރިފަރާތުންވަނީ އެމްޑީޕީއަށް ބިން ހުސްކުރަން ނޯޓިސް ދީފައެވެ. ނަމަވެސް އެމްޑީޕީން ހަރުގެ ހުސްނުކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް ގޭގެ ވެރިފަރާތުންވަނީ އެތަން އެހެން ފަރާތަކަށް ކުއްޔަށް ދީފައެވެ.

އެމްޑީޕީން އެ މައްސަލާގައި ކޯޓަށް ދިއުމާއެކު އެ ޕާޓީން މިއަދުވަނީ ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަން އެމްޑީޕީއަށް އެ މައްސަލާގައި ސާބިތުކޮށްނުދެވޭ ކަމަށެވެ.

އަދި ޤާނޫނީ މަރުކަޒެއް ނެތުމުން އެ އަމުރު ނެރެނުދިނުމުގެ ސަބަބުން އެމްޑީޕީއަށް އިއާދަނުކުރެވޭ ގެއްލުމެއް ލިބިދާނެކަމުގައި ބެލެވެން ނެތްކަމަށްވެސް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. އެހެންކަމުން ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެވެން ނެތްކަމަށް ކޯޓުން ނިންމާފައިވެއެވެ.

ގޭގެ ވެރިފަރާތުން ބުނެފައިވަނީ އެމްޑީޕީއާއެކު އެއްބަސްވުމެއް ނެތްކަމަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީއާއި އެމްޑީޕީން އެބިމުގައި ހަރުގެ ހިންގުމުގެ ސަބަބުން ގެއްލުން ލިބެމުންދާކަމަށްވެސް ގޭގެ ވެރިފަރާތުން ބުނެފައިވެއެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ނިޔަލަށް އެހަރުގެ ބޭނުންކުރުމުގެ ހުއްދަދިނުމަށް އަނގަބަހުން ގޭގެ ވެރިފަރާތާ އެއްބަސްވެވިފައިވާކަމަށެވެ. އަދި ގޭގެ ވެރިފަރާތުން އެތަނާ ހަވާލުވެ އެތަން އަލަށް އުފައްދާ ޑިމޮކްރެޓްސްއަށް އެތަން ދިނުން އެމްޑީޕީން ސިފަކުރީ ފޭރުމުގެ ގޮތުގައެވެ.

އެތަން އަތުލައި އައު ޕާޓީއަށް އެތަން ދިން މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ