Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު ރިފްޢަތު

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ބޮޑު ބައެއް ގެއްލުމާ ގުޅިގެން، ކަނޑުން ބައެއް ވިއްކައިލުމާ ދެކޮޅަށް އުފެއްދި އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް ތާވަލުކޮށްފިއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި، ފިކުރެއްގެ ދިރުން ހަރަކާތާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ބައިވެރިވެވަޑައިގަތުމާއެކުއެވެ.

އޭނާގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅުން ހުށަހަޅާފައިވަނީ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދާ ޗާގޯސްގެ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ މެދުގައި ފުށުއަރާ ބައިގެ އިންވަކިކުރުމުގައި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ވަކާލާތުކުރައްވާފައިނުވާކަމަށް ތުހުމަތުކޮށެވެ.

އެގޮތުން ރާއްޖޭގެ މަސްލަހަތުގައި ފާހަގަކުރަންޖެހޭ ގިނަ ކަންތައްތަކެއް ކޯޓުގައި ބަންޑާރަނައިބު ފާހަގަނުކުރައްވާކަން ކަނޑު ވިއްކައިލުމާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުން ފާހަގަކުރިއެވެ. އޭގެ ތެރޭގައި އިކުއިޑިސްޓޭންސް ނުވަތަ ހަމަހަމައަށް ބެހުމަށް އެއްބަސްވުމާއި، ރާއްޖެއަށް ފައިދާވާ ގޮތަށް އިކުއިޑިސްޓޭންސް ރޮނގަށް ބަދަލު ގެނައުމަށް ހުށަހެޅިދާނެ ސަބަބުތައް ހުށަހަޅާފައި ނެތުން ފާހަގަކުރެއެވެ.

މާދަމާއަށް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކުރިއިރު އޭނާގެ މައްޗަށް ނަގާ އިތުބާރުނެތްކަމުގެ މައްސަލަ ފެއިލުކޮށް އޭނާ ދިފާއުކުރުމަށް ވެރިކަންކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުންވަނީ ތުރީލައިން ވިޕެއް ނެރެފައެވެ.

ރިފްއަތުގެ އިތުރަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށްވެސް ކަނޑު ވިއްކައިލުމާ ދެކޮޅު އިއްތިހާދުން ހުށަހަޅާފައިވެއެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނިކޮށް އެމްޑީޕީންވަނީ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އެ މަޤާމުން ވަކިކުރުމުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.

މި މައްސަލަތައް ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގައި ކުރިއަށްދާނެއެވެ. ޝާހިދާއި ރިފްއަތު ދިފާއުކޮށް އީވާ މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުރީލައިން ވިޕެއް ނެރެފައިވާއިރު އަދިވެސް މައްސަލައެއް ފާސްކުރަން ބޭނުންވާ މިންވަރުގެ އަޣުލަބިއްޔަތެއް ސަރުކާރާ ދެކޮޅު ފަރާތްތަކަށް މަޖިލީހުގައި ލިބިފައި ނެތެވެ.

މި ލިއުމާއި ގުޅޭ