ޓެރަރިޒަމްގެ އޮޕަރޭޝަންތައް ރޭވި ކަމުގެ ތުހުމަތުކުރެވޭ ބަހްރެއިންގެ ދެ މީހަކު ސައުދީ އަރަބިއްޔާއިން މަރާލާފައިވާއިރު، މި މަހު ވެސް އެފަދަ މަރުގެ އަދަބު ދިން މީހުންގެ އަދަދު ނުވައަކަށް އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
ސައުދީގެ ރަސްމީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ޖާފަރު ސުލްތާން އާއި ސާދިކް ތަމޭރު ނަމަކަށް ކިޔާ ބަހްރެއިންގެ މީހުންގެ މައްޗަށް އުފުލާފައިވަނީ "ބަހްރެއިންގައި ހޯދަން ބޭނުންވާ މީހަކު އިސްކޮށް ހަރަކާތްތެރިވާ ޓެރަރިސްޓް ސެލްއަކާ ގުޅުމުގެ" ދައުވާ ކަމަށެވެ.
މިކަމާ ގުޅިގެން ބަހްރެއިންގެ ކަމާބެހޭ ފަރާތްތަކުން ރަސްމީ އެއްވެސް ވާހަކަ އެއް ނުދައްކައެވެ.
މަރުގެ އަދަބު އެންމެ ގިނައިން ދޭ ސަޢޫދީ ޢަރަބިއްޔާއިން ވަނީ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޓެރަރިޒަމްގެ ނުވަ ކުށްވެރިޔަކަށް މަރުގެ އަދަބު ދީފައެވެ.
ސައުދީ އަރަބިއްޔާގައި މިއަހަރުގެ މިހާތަނަށް 40 އަށް ވުރެ ގިނަ މީހުން މަރުގެ އަދަބު ދީފައިވާ ކަމަށް ދައުލަތުގެ މީޑިއާރިޕޯޓުތަކަށް ބިނާކޮށް އޭއެފްޕީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
2022 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޓެރަރިޒަމާ ގުޅުންހުރި ކުށްތަކުގައި އެއް ދުވަހެއްގައި 81 މީހުންނާއެކު 147 މީހަކަށް މަރުގެ އަދަބު ދީފައެވެ.
އެސްޕީއޭ އިން ބުނީ ބަހްރެއިންގެ ދެ މީހުން ތަމްރީނު ހޯދީ ސައުދީ އަރަބިއްޔާ އާއި ބަހްރެއިންގެ ސަލާމަތީ ކަންކަން ހަލަބޮލި ކުރުމުގެ މަގްސަދުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ކޭމްޕްތަކުގައި ކަމަށެވެ.
އަދި ސައުދީ އަރަބިއްޔާގައި ބަނގުރާ ފުޅި އެތެރެކޮށް "ޓެރަރިސްޓުންނަށް" އެހީވުމާއި ސައުދީ އާއި އަވަށްޓެރި ބަހްރެއިންގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް ރާވާފައިވާ ރޭވުންތަކަށް ތާއީދު ކުރާ ކަމުގެ ތުހުމަތު ވެސް އެ މީހުންގެ މައްޗަށް ކޮށްފައިވެ އެވެ.
ބަހްރެއިންގެ މައި ޝިޔާ އިދިކޮޅު ޖަމާއަތެއް ކަމަށްވާ އަލް ވެފާގު ވަނީ މަރުގެ އަދަބު ދިނުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި ސުލްތާން އާއި ތަމޭރު ހައްޔަރުކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއިން މިދިޔަ މެއި މަހު ބުނެފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ "އަނިޔާގެ ޝިކާރައަކަށްވެފައިވާ އިއުތިރާފުގެ މައްޗަށް ބިނާކޮށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ޝަރީއަތަކަށް ފަހު" ކަމަށެވެ.
2022 ވަނަ އަހަރުގެ ޖޫން މަހު އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން އެކްސްޓްރާ ޖުޑިޝަލް، ސަމްރީ ނުވަތަ އާބިޓްރަރީ އެގްޒެކިއުޝަންސް ސައޫދީގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ދެ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް އެޅިދާނެ އެއްވެސް ފިޔަވަޅެއް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހުންގެ މައްޗަށް އަލުން ޝަރީއަތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ބަހްރައިނުން ވެސް ވަނީ ޓެރަރިޒަމާ ގުޅުންހުރި ކުށްތަކުގައި ފާއިތުވި އަހަރުތަކުގައި މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. އީރާނުން ޓެރަރިސްޓުންނަށް ތާއީދުކޮށް ހިމާޔަތް ދޭ ކަމަށް ބަހްރެއިން އިން ތުހުމަތު ކުރެ އެވެ.
ޓިއުނީޝިއާ އާއި މިސްރުގެ އިންގިލާބުތަކުން ހިތްވަރު ލިބިގެން 2011 ވަނަ އަހަރު ފެށި މައިގަނޑު ގޮތެއްގައި ޝީއީންގެ މުޒާހަރާގެ ހަރަކާތް ހުއްޓުވުމަށް ސުންނީންގެ އަޣުލަބިއްޔަތު އޮންނަ ސައުދީ އަރަބިއްޔާއިން ސުންނީންގެ ބަހްރެއިނަށް ސިފައިން ފޮނުވި އެވެ.
ދާދި ފަހުން ސަޢޫދީ ޢަރަބިއްޔާގައި މަރުގެ އަދަބު ތަންފީޒުކުރުން އިތުރުވެފައި މިވަނީ އިސްލާމީ ޝަރީޢަތުގެ ޤާނޫނު ހަރުކަށިކޮށް މާނަކުރުމަށް މަޝްހޫރުވެފައިވާ ސަޢޫދީ ޢަރަބިއްޔާގެ "ވިޝަން 2030" އިޞްލާޙީ އެޖެންޑާގެ ދަށުން އިޖްތިމާޢީ އަދި އިޤްތިޞާދީ ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ޤައުމުގެ ތަޞައްވުރު ލުއިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
2015 ވަނަ އަހަރު ސަލްމާން ރަސްގެފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ރިޕްރައިވް އާއި ޔޫރަޕިއަން-ސައުދީ އޯގަނައިޒޭޝަން ފޯ ހިއުމަން ރައިޓްސް އިން މި އަހަރުގެ ކުރީކޮޅު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެ އެވެ.