ކުރީގެ ރައީސުލްޖުމްހުރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސި ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ރ.ފުއްގިރި މައްސަލާގައި އުފުލާފައިވާ ދައުވާގައި ހުށަހަޅާފައިވާ ބޭންކު ސްޓޭޓުމެންޓުތައް ހޯދާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށްކަމަށް ފާހަގަކޮށް އެ ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
މިއަދު އެ މައްސަލާގައި ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީނު އަދި އެމަނިކުފާނާއެކު އެ މައްސަލާގައި ދައުވާކޮށްފައިވާ އަޙްމަދު ކުރިކު ރިޟާގެ ފަރާތުންވަނީ ބޭންކު ސްޓޭޓުމެންޓުތައް ބަލައިނުގަތުމަށް ހުށަހަޅާފައެވެ.
އެގޮތުން ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވަނީ ތަހުގީގީ އިދާރާތަކުން ސިޓީއެއް ފޮނުވުމުން ހާމަކުރަންޖެހޭ މައުލޫމާތުގެ ތެރޭގައި ބޭންކު ސްޓޭޓުމެންޓުތައް ނުހިމެނޭނެ ކަމަށެވެ. ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް އެފަދަ ހެކި ހޯދަނީ ކޯޓު އޯޑަރެއްގެ ދަށުންކަމަށްވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވިއެވެ.
އިތުރަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ޤާނޫނުގެ ތެރެއިން މާލީ ބަޔާންތައް ހޯދެނީ މަރުކަޒީ ބޭންކު މެދުވެރިކޮށް ކަމުގައެވެ. ނަމަވެސް މި މައްސަލާގައި އެ މާލީ ބަޔާންތައް ހޯދުމުގައި އެފަދައިން އަމަލުކޮށްފައި ނެތްކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ފާހަގަކުރެއްވީ 2010 ވަނަ އަހަރުން ފެށިގެން އެމަނިކުފާނުގެ އެކައުންޓުތަކުގެ މާލީ ބަޔާންތައް ހޯދާފައިވާ ކަމަށެވެ. އަދި އެ މާލީ ބަޔާންތައް ހޯދީ އެއްވެސް ގޮތަކަށް ކޯޓު އަމުރެއް ނެތި ކަމަށެވެ.
އަދި މިފަދައިން ތަހުގީގީ އިދާރާތަކުން އެދިގެން މީހުންގެ ޒާތީ މައުލޫމާތު ކޯޓު އަމުރަކާ ނުލައި ލިބޭ ގޮތަށް ޤާނޫނު މާނަކޮށްފިނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް އިތުބާރު ގެއްލި އިންވެސްޓަރުންނާއި ކަސްޓަމަރުން އެ ނިޒާމާމެދު ޝައްކުގެ ނަޒަރުން ދެކޭނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤުތިޞާދަށްވެސް ގެއްލުންވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން އެމަނިކުފާނުގެ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ފާހަގަކުރެއްވީ ބޭންކުތަކުގައި ހުންނަ މިފަދަ މައުލޫމާތަކީ އެހެން ޤައުމުތަކުގައިވެސް އެހާ ފަސޭހައިން ލިބޭ މައުލޫމާތެއް ނޫން ކަމަށެވެ. އެގޮތުން އެމެރިކާގެ މިސާލު ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ އެ ޤައުމުންވެސް މިފަދަ މައުލޫމާތު ހިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް ހަދާފައިވާ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ ބޭންކުން ހޯދުމަށް ޕީޖީ ނުވަތަ ތަހުގީގީ އިދާރާއަކުން އެދިގެން ނުވަތަ ކޯޓު އަމުރަކުން އެދިގެން ހެކި ހޯދިދާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި އެގޮތަށް މެލޭޝިޔާ އަދި ސިންގަޕޫރުގައިވެސް އަމަލުކުރާ ކަމަށެވެ.
ދައުލަތުގެ ވަކީލުންނަށް ރައްދުދެއްވައި ޑރ.ޖަމީލު ވިދާޅުވީ އެ މާއްދާގައި ބުނާ މައުލޫމާތުތަކުގެ ތެރޭގައި ބޭންކު ސްޓޭޓުމެންޓު ނުހިމެނޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތަށް ރިއާޔަތްކުރަން އޮންނަ އޮތުމަށް އިޝާރާތްކުރައްވައި ޑރ.ޖަމީލު ވިދާޅުވީ ސިންގަޕޫރާއި މެލޭޝިޔާގައި އެގޮތަށް އެފަދަ މައުލޫމާތު ހާމަކުރާކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް އެ މިސާލު ރާއްޖެއަށް ތަތުބީގުނުވާނެ ކަމަށެވެ.
އަދި މެލޭޝިޔާ ސިންގަޕޫރުގައި ކަންކަން އޮންނަނީވެސް ދައުލަތުން ބުނި ގޮތަށް ނޫންކަމަށް ވިދާޅުވެ އެއިން ސިންގަޕޫރުގެ ޤާނޫނާއި އެ ޤައުމުގެ ކޯޓުތަކުން ނިންމާފައިވާ ނިންމެވުންތަކަށް ހަވާލާދެއްވައި ޑރ.ޖަމީލު ވިދާޅުވީ ތަހުގީގީ އިދާރާއަކުން އެދޭއިރަށް އެ ޤައުމުތަކުގައި ބޭންކު ސްޓޭޓުމެންޓުތައް ހިއްސާނުކުރާ ކަމަށެވެ.