Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީން ވަކިވުމުން ވެމްކޯގެ ޗެއާމަންއާއި އާސަންދަ ބޯޑު މެންބަރު އާމިލާ މަގާމުން ވަކިކުރަނީ

ސަރުކާރު ކުންފުނި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެންބަރު އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕީސީބީއަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.

އެދެބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެބޭފުޅުން ވަކިވުމާއި ގުޅިގެންނެވެ.

ވެމްކޯގެ ޗެއާމަން މަނިކު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އަލަށް އުފައްދާ ޕާޓީ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ. މަނިކަކީ ވިލިމާލެ ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް އަދި އިންތިހާބުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ދެން މަގާމުން ވަކިކުރަން ނިންމާފައިވާ އާމިލާއަކީ ޑިމޮކްރެޓްސްގައި އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކޮއްކޮއެވެ.

ފިކުރެއްގެ ދިރުން ހަރަކާތުން އުފައްދާ އައު ޕާޓީ "ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރާ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ސަރުކާރުން ވަނީ ފަށާފައެވެ.

ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދިޔަރެސް"އަށް ވިދާޅުވީ އެފަދައިން އާ ޕާޓީއަށް ސޮއި ކުރައްވާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން، އެގްޒިކިއުޓިވް ޑިރެކްޓަރުން ލެވެލްގެ ބައެއް ބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައިވާކަމަށެވެ.

އެގޮތުން ޑިމޮކްރެޓްސްއާ ގުޅުމަކީ ސަރުކާރަށް ދޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ސަރުކާރުން ދެކޭކަމަށްވެސް އެ އޮފިޝަލު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުން ހަރަކާތަށް ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ވަންނަމުންނެވެ.

ފިކުރެއްގެ ދިރުންގެ ނަމުގައި ނަޝީދު ފެއްޓެވި ސިޔާސީ ހަރަކާތަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމާއެކު ފެއްޓެވި ހަރަކާތެކެވެ. އެމްޑީޕީ ތެރެއިން ގޮފިތަކެއް އުފައްދަވައިގެން ހިންގެވި ހަރަކާތް ފެއްޓެވުމާއެކު އެމްޑީޕީގެ ލީޑާޝިޕުންވަނީ އެ ހަރަކާތަށް ފުރުސަތު ނުދޭނެކަން އިއުލާނުކުރައްވާފައެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ފިކުރެއްގެ ދިރުން ހަރަކާތުގެ އިސް ބޭފުޅުން އައު ޕާޓީއެއް އުފައްދަވަން ނިންމެވިކަން އިއުލާނުކުރެއްވީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އައު ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން އެ ބޭފުޅުން ފޯމު ހުށަހެޅުއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ޕާޓީއަށް މީހުން ހަމަ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު ސަރުކާރުގެ ސިޔާސީ އިސްމަގާމުތަކުގައި ތިބި ފަރާތްތަކުންވެސް އަންނަނީ އާ ޕާޓީއަށް ގުޅިވަޑައިގަންނަވަމުންނެވެ.

މި ލިއުމާއި ގުޅޭ