ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް)ގެ ހިންގުން ދޯދިޔާވެ ކްލަބްތަކުން ދާނެ ދިމާލެއް ނޭނގި، ދާނެ މިސްރާބެއް ނޭނގި، ދެން ހަދަންވީ ގޮތެއް ނޭނގި ތިބެން ޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބީ ރައީސް މުހައްމަދު ރިޔާޒް(ރިޔާ) ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މިހާރު ގާނޫނާ އެއްގޮތަށް ހިންގާ ވޮލީ ބޯޅަ އެސޯސިއޭޝަނެއް ނެތް ކަމަށެވެ. ސަބަބަކީ ވޭތުވެދިޔަ ދެއަހަރު ވޮލީ ބޯޅަ އެސޯސިއޭޝަން އިން ބާއްވަން ޖެހޭނެ ކަމަށް ކުޅިވަރު ގާނޫނު ބުނާ އެނުއަލް ޖެނަރަލް މީޓިން ނުބޭއްވުމެވެ. އަދި އެއީ އެސޯސިއޭޝަން ގާނޫނުން ބޭރުން ހިންގާ ކަމުގެ އެންމެ ބޮޑު މިސާލު ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަނެއްގައި އެނުއަލް ޖެނަރަލް މީޓިން ނުބޭއްވުމުން އެއަށްވުރެ ބޮޑު މައްސަލައެއް ނޯންނާނެ ކަމަށެވެ. "މިސާލަކަށް ޖަމިއްޔާ އެއް މީ. ދިވެހިރާއްޖޭގެ ގާނޫނުގައި އަދި ދިވެހިރާއްޖޭގެ ކުލިވަރު ގާނޫނާ ވެސް އަދި އެސޯސިއޭޝަންގެ ބެލެނިވެރިންގެ ގޮތުގައި ތިބި މުއައްސަސާ ނޫނީ އިދާރާތަކެއްގެ ވެސް ބެލުމުގެ ދަށުން އޮންނަ އެސޯސިއޭޝަނެއްމީ. ފުރަތަމަ ވެސް ވޮލީ ބޯޅެ އެސޯސިއޭޝަން ވީމަ، އެފްއައިވީބީ އިހަށް ބާއްވާ، އިހަށް އިންޓާނަލީ ބަލަމާ":
ވޮލީބޯޅަ އެސޯސިއޭޝަން ގަވާއިދާ ޚިލާފަށް ހިންގާތާ ދެއަހަރޭ ބުންޏަސް، ޓެކްނިކަލީ ބުނާކަމަށްވާ ނަމަ ހިންގާ ގަވާއިދެއް ނެތި އެތަން ހިންގާތާ ގާތް ގަނޑަކަށް ތިން އަހަރު ވެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"އެއީ ކުރިން އެދިޔަ ޑިސްޕިއުޓްގައި އުސޫލުން ބޭރުން ނުފޫޒު ވަދެގެން ވަރަށް ގިނަ ގޮތް ގޮތުން ދިޔަ ޑިސްޕިއުޓެއް. އެ ޑިސްޕިއުޓް ވެސް ހަމަ ކްލިއާ ކޮށްފަ އެންމެން ގުޅިގެން ހުރިހާ އެންމެން އެކީގައި އެކައްޗެއް ކިޔައިގެން އެހޮވުނު ދުވަހުން ފެށިގެން ވެސް އެޕާސްޓް ކްލިއާ ކުރުމަށް ވެސް އެސެމްބްލީއެއް އޮންނަން އެބަޖެހޭ. އެހިސާބުން ފެށިގެން ވެސް ނުބޭއްވިގެން ގޮސް މިއަދާ ހަމަ އަށް ދިޔުންމީ ހަމަ ވަރަށް ބޮޑު ގޯހެއް" ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ މިހާރުގެ ރައީސް މުހައްމަދު ރަނޭޝްގެ އެސޯސިއޭޝަންގެ ހިންގުމާ ހަވާލުވި ފަހުން އެގްޒެކްޓިވް ކޮމިޓީ އެއްކޮށް ނުލެވިގެން އުޅޭ ކަމަށެވެ.
"އަމިއްލަ އެގްޒެކްޓިވް ކޮމިޓީ އެއްކޮށް ނުލެވިގެން އުޅޭ އިރު، ކިހިނެއް އެނުއަލް ޖެނަރަލް މީޓިން އަކަށް ދެވޭނީ ވެސް. ކަމެއް ހައްލުކުރަން ތިބޭ މީހުން އެއްވެ ވާހަކަ ދައްކާލަން އެބަޖެހޭ. އެފުރުސަތު ވެސް ނެތް މިހާރު. އެކަންވެސް ނުކުރެވިގެން މިއުޅެނީ" ރިޔާޒް ވިދާޅުވިއެވެ.