ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓު ހުރީ ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް "ޑިޖިޓަލް ރުފިޔާ" އެއް އުފެއްދުމާ ގުޅޭ ގޮތުން އެކި ލެވެލްތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް ބޭންކިންއަށް ފުރުސަތު ވަރަށް ބޮޑު ކަމަށާއި ރާއްޖޭގައި ފައިނޭންޝަލް ޓެންނޮލޮޖީ (ފިންޓެކް) އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.
އިމާދު ވިދާޅުވީ މާލީ ދާއިރާ ކުރިއަށް ގެންދެވޭނީ ކްރިޕްޓޯ އާއި އެ ނޫން ވެސް ޑިޖިޓަލް ފައިސާއާ އެކު ކަމަށާއި އެއާ އެކު ފައިސާ ދޫކުރުމާއި ފައިސާ ހޯދުމުގައި އީޖާތީ އާ ގޮތްތަކަށް ފުރުސަތު ފަހިވެ، މާލީ ދާއިރާ އެހެން ލެވެލްއަކަށް ފުޅާކުރެވޭނެ ކަމަށެވެ.