Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

"އެކި ވެރިންނަށް ވަނަން ގޮވައިގެން ވެރިކަން ލިބުނީމަ، ޗޯރު ގޮވިޔަސް ހަޖަމްވާން ޖެހޭނެ"

އެކި ވެރިންނަށް ވަނަން ގޮވައިގެން ވެރިކަންތައް ބަދަލު ކުރުމަށްފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބުމުން ވަގަށް ގޮވިޔަސް އެކަން ހަޖަމްވާން ޖެހޭނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" މިހެން ކިޔާ ލަވަތަކެއް ނުދައްކަން ޗެނަލް 13 އަށް އަންގައި، އެ ލަވަތައް މީގެ ކުރިން ދެއްކި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ބަލަން ފަށާފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލި ނަމަވެސް މެންބަރުން ވަނީ އެ މައްސަލައަށް ބަހުސްކުރައްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ "ޗޯރު އިބުރޭ" އޭ ގޮވާލި ކަމަށް ޓަކައި ޓީވީ ސްޓޭޝަނެއް ސެންސަރުކޮށްގެން ނުވާނެ ކަމަށާއި އެމީހުން ބޭނުން އެއްޗެއް ކިޔުމަކީ ހައްގެއް ކަމަށެވެ.
".. މިތިބަ އެންމެންނަކީ 30 އަހަރުގެ ވެރިކަމެއް ބޮޑުސިންގާ ޝެހެންޝާހެއްގެ ވެރިކަމެއް ގޮޅާބޯ ގޮޅާބޯ ގޮޅާބޯ ކީކީނުން ގޮސް އޮފުކަނޑުވާލައިގެން، ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް. ބަގާވާތަކުން އަޅުގަނޑުމެން އަރައިގަތީ ލަވަ ކިޔައިގެން. ރައީސް ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން ނަޝީދާ ދިމާލަށް ގޮވިހާ އެއްޗިހި އަދި ރައީސް ޔާމީނާ ދިމާލަށް އަޅުގަނޑުމެން އެކި ތަންތަނުގައި ގޮވިހާ އެއްޗިހި އެއީ އަޅުގަނޑުމެން ބޭނުންކުރާ ސިޔާސީ އުކުޅެއް، އެ ހުރިހާ ވާހަކައަކީ އަޅުގަނޑުމެން އެއްބަސްވާ ވާހަކައަކަށް ވާކަށް ނުޖެހޭ،" އީވާ ވިދާޅުވި އެވެ.
"ޗެނަލް 13 އެއް އަޅުގަނޑެއް ނުބަލަން، އަޅުގަނޑަކަށް ބަލާކަށް ނުކެރޭ، އޭގަ ދައްކާ ވާހަކަތަކާ އަޅުގަނޑު އެއްބަހެއް ނޫން. އެކަމަކު ޗޯރު އިބުރޭ، ޗޯރު އިބުރޭ، ޗޯރު އިބުރޭ އެމީހުން ގޮވަން ބޭނުމިއްޔާ އެމީހުން ގޮވުމަކީ އެމީހުންގެ ހައްގެއް."
އީވާ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުގެ ގާނޫނުއަސާސީގައި ހޯދުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އެކަން ހައްގު ހަނިވާތަން ބަލަން ނުތިބެވޭނެ ކަމަށެވެ.
ވޯޓަށް އަސަރު ކުރާނީ ހަމައެކަނި ވޯޓުލާ ދުވަހުގެ ވޯޓު ކަރުދާސްކޮޅުން ނޫން ކަމަށާއި، ސަރުކާރުން މިހާރު ކަން ކުރަމުން އެދާ ގޮތަށް މީޑިއާއަށް ނުފޫޒު ފޯރުވައި، މީޑިއާގެ މިނިވަންކަން ގެއްލުމަކީ ވެސް އިންތިހާބަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޗޯރު، ޗޯރު، ޗޯރު ގޮވަން ބޭނުން މީހާއަށް ގޮވޭނެ! އެކި ވެރީންނަށް، އެކި ނަން ގޮވައި، ވެރިކަންތައް ބަދަލްކޮށް، އަމިއްލައަށްވެރިކަން ލިބުނީމާ، ހަޖަމްވާން ޖެހޭ. ފިޔަވަޅު އަޅައި، އިންޒާރެއް ނުދެވޭނެ،" އެކަމާ ގުޅިގެން އީވާ ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ