ފާއުތުވި 11 އަހަރުގެ ތެރޭގައި ބަނގުރާ ބުއިކަމަށް ބުނެ ކުރި ދައުވާތަކުގެ ދެބައިކުޅަ އެއްބައި ދައުވާ ވެސް ސާބިތު ނުވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން އެދިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން 2013 އިން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ބަނގުރާ ބުއިމުގެ 396 މައްސަލައެއްގައި ދައުވާކޮށްފައިވެ އެވެ.
އޭގެ ތެރެއިން 104 މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލާފައިވާއިރު، 30 މައްސަލައެއް ވަނީ ބާތިލްކޮށްފަ އެވެ. އަދި 44 މައްސަލަ ސާބިތެއްނުވި އެވެ.
ތަފާސްހިސާބުން ދައްކާ ގޮތުން އެ މުއްދަތުގައި ދައުވާކުރި 396 މައްސަލައިގެ ތެރެއިން ސާބިތުވީ 187 މައްސަލަ އެވެ. އެއީ 47 ޕަސެންޓޭޖެވެ. އެހެންކަމުން ބަނގުރާ ބުއިކަމަށް ބުނެ ކުރި ދައުވާތަކުގެ ދެބައިކުޅަ އެއްބައި ދައުވާ ވެސް ސާބިތެއްނުވެ އެވެ.
މިވަގުތު ކޯޓުގައި ބަނގުރާ ބުއިމުގެ 31 މައްސަލައެއް އެބަ އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭގެ އިތުރުން ބަނގުރާ ގެންގުޅުމުގެ 283 މައްސަލައެއްގައި ދައުވާކޮށްފައި ވާއިރު، އޭގެ ތެރެއިންވެސް ސާބިތުވީ 78 މައްސަލަ އެވެ. އަދި ބަނގުރާ އުފެއްދުމުގެ 17 މައްސަލައެއްގައި މިދިޔަ 11 އަހަރުގެ ތެރޭގައި ދައުވާކުރި އިރު ސާބިތުވީ ހަތް މައްސަލަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.