Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް އިންޒާރުދިނުން ހުއްޓައިލުމަށް ގޮވާލި މައްސަލަ ބަލައި ނުގަތް!

ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށް ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައެއް ނުގަތެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 20 މެންބަރެކެވެ. އަދި މައްސަލަ ބަލައި ނުގަތުމަށް 26 މެންބަރުން ވޯޓު ދީފައިވެއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން, މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް ފޯރުކޮށްދީފައިވާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްޤުތައް ހަނިކުރެވޭނެ ގޮތް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި އެކަން އެހެން އޮއްވާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި އެ ޙައްޤުތައް ހަނިކޮށްފައިނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލި ގައިޑްލައިނެއް ނުވަތަ ކޯޓެއްގެ ތެރެއިން އެޙައްޤުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓަންޖެހޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފަހައްޓާ މިންވަރަށްކަން ނުވަތަ އިސްލާމްދީނުގެ އަސްލެއް ހިމާޔަތްކުރުމަށްޓަކައި ހިފަހައްޓަންޖެހޭ މިންވަރަށްކަން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތްކަމަށާއި ސަޓަޔާ ނުވަތަ ސަމާސާ އަދަބަކީ ޚިޔާލު ފާޅުކުރުމުގެ އެންމެ އަސާސީ އެއް އުސްލޫބުކަމުގައިވުމާއެކު، ދުނިޔޭގެ ހުރިހާ ޑިމޮކްރެޓިކް މުޖުތަމަޢުތަކެއްގައިވެސް ދީނީ، ވަޠަނީ ކަންކަން ފިޔަވައި، ސިޔާސީ ލީޑަރުންނާއި، ޕާޓީތަކާއި، އާންމު ޝަޚުޞިއްޔަތުތަކާމެދު ސަމާސާ އަދަބު ބޭނުންކުރުމަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ރައްކާތެރިކަމާއި އިމްތިޔާޒު ލިބޭ ކަމެއްކަމަން، އެ ޤައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ބައިނަލްއަޤުވަމީ މުޢާހަދާތަކާއި، މިކަމުގައި ޤާނޫނީ އިލްމުވެރިން ލިޔުއްވާފައި ހުރި ހުރިހާ ލިޔުންތަކުން ސާފުކޮށް ފެންނަން އޮތް ކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާމެދު ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްގެން، ސަމާސާ އަދަބުގެ ތެރެއިން ލަވައާއި މިއުޒިކު ބޭނުންކޮށްގެން، ޚިޔާލެއް ފާޅުކުރުމުން ޗެނަލް-13 އަށް އިންޒާރުދީ ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގި އަމަލަކީ ޤާނޫނު އަސާސީއާ ޚިލާފަށް ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) މާ ބޮޑަށް ފުޅާކޮށް މާނަކޮށްގެން މަޖިލީހުން ބަޔާންކޮށްފައިވާ ދެ ޙައްޤު ހިފަހައްޓާފައިވާ މިންވަރަށްވުރެ ބޮޑަށް ހިފަހެއްޓުން ފުޅާކޮށްގެން ހިންގި އަމަލެއްކަމަށެވެ.

އެގޮތުން ޗެނަލް-13އަކީ ސަރުކާރުން ދައުލަތުގެ ކުންފުނިތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓާއި އެނޫންވެސް ގޮތް ގޮތަށް ރައްޔިތުންގެ ޓެކުސް ފައިސާއިން ދެމުންދާ އެކި މާލީ އިނާޔަތްތަކާއި އެހީތެރިކަމުގެ ކެހިވެރި ދަންތުރާގައި ނުޖެހި، މިނިވަން މީޑިއާއެއްގެ ޙަޤީޤީ ޒިންމާކަމަށްވާ ސަރުކާރު ޖަވާބުދާރީކުރުވައި، ސަރުކާރުގެ ނުރަނގަޅު ކަންކަމަށް ފާރަވެރިވެ، އެކަންކަމުގެ ޙަޤީޤަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމުގެ މަސައްކަތްކުރާ މަދު މީޑިއާތަކުގެ ތެރޭގައި ގުނައިލެވޭ މީޑިއާއަކަށްވާކަމަށްވެސް ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ކުރީގެ ރައީސުންގެ އިސްތަށިފުޅުގައި ޤަތުލުތައް އަޅުއްވައި، ސިޙުރާއި ފާޙިޝް ނުބައި އަމަލުތަކުގެ ތުހުމަތު، އެ ބޭފުޅުންނާ ގުޅުން އޮންނަ މީޑިއާތައް މެދުވެރިކޮށް އާންމުކުރެއްވި ބޭފުޅުންކަމަށާއި މި ސަރުކާރުން ވަނީ ތަންމިނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަމަށާއި ފާޑުކިޔާ ބަޔަކަށް ބިރުވެރިކަމެއް ނޯންނާނެކަމަށް ވައުދުވެފައިކަމަށެވެ.
އެހެންކަމުން ސަރުކާރުން ޕުރެޝަރުކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ޤާނޫނު އަސާސީއާއި، އަސާސީ ޙައްޤުތަކާއި، ޑިމޮކްރެޓިކް އަގުކުރުންތަކާއި، ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލުތައްކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަނެފައިވާ މިންގަނޑުތަކާއި، 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އެމައްޗަށް ބިނާކުރާނެކަމަށް ބުނި އުސޫލުތަކާއި އަސާސްތަކާ ޚިލާފަށް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވައިގެން ޗެނަލް-13 އަށް ބިރުދެއްކުމާއި އިންޒާރުދިނުމަކީ ދަށު ދަރަޖައިގެ އަމަލެއްކަމަށް ފާހަގަކުރެއްވިއެވެ.

އެ އަމަލު ކުށްވެރިކޮށް ޝިޔާމް ވަނީ މުސްތަޤިއްލުކަމާއެކު ވަކި ބައެއްގެ ނުފޫޒަށް ތަބާނުވެ މަސައްކަތްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލައްވާފައެވެ. އަދި ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށްވެސް އޭނާ ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ