Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

"ދަ ޑިމޮކްރެޓްސް" ޕާޓީގެ ކަންކަން ތަރުތީބުކުރުމަށް އާންމުންގެ ޚިޔާލު ހޯދަން ޚާއްޞަ ޕޯޓަލެއް ހަދަނީ

ފިކުރެއްގެ ދިރުން ހަރަކާތުން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ އުސޫލުތަކާއި އިންތިޒާމުތައް ތަރުތީބުކުރާނެ ގޮތާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ޕޯޓަލްއެއް ތައްޔާރުކުރަމުންދާކަމަށް އެ ޕާޓީން ބުނެފިއެވެ.

ނިމުނު ހަފުތާ ބުދަދުވަހުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު ޕާޓީ ރަޖިސްޓަރީކުރަން ބޭނުންވާ 3،000 މީހުންގެ ސޮއި ހަމކުރުމުގެ މަސައްކަތް އެ ޕާޓީންވަނީ ފަށާފައެވެ. އެ ޕާޓީން ބުނެފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާއިދާއި އޮނިގަނޑުތައް ތައްޔާރުކުރާނީ އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ.

މިއަދު އެ ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީ އުފެއްދުމުގައި އެންމެންގެ މަޝްވަރާއަށް އެދޭ ކަމަށެވެ. އެގޮތުން ޚިޔާލާއި މަޝްވަރާ ހޯދުމަށް ޕޯޓަލެއް ޤާއިމުކުރުމާއެކު އެކަމަށް ޚާއްޞަ ފޯރަމްތަކަކާއި ބައްދަލުވުންތަކެއް ބޭއްވުމަށް ރާވައި ތާވަލުކުރަމުން އަންނަ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމަށްފަހު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފެއްޓެވި ފިކުރެއްގެ ދިރުމުން އައު ޕާޓީއެއް އުފައްދަން ނިންމައި އެކަން އިއުލާނުކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ދުވަހު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި 12 ބޭފުޅަކާއި އެ ޕާޓީގެ ނައިބުރައީސް އަދި އެހެން ބައެއް އިސް ބޭފުޅުން ޕާޓީން އިސްތިއުފާދެއްވިއެވެ. އަދި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އިއުލާނުކުރެއްވިއެވެ.

އޭގެ ދެތިން ދުވަސް ފަހުން އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅައި އެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ލިބުމާއެކު، މާލެއާއި އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި ޕާޓީ އުފެއްދުމަށް ބޭނުންވާ ފޯމު ހަމަކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އެ ޕާޓީން ބުނި ގޮތުގައި ޕާޓީ ބިނާކުރުމަށް ކުރަންޖެހިފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އަސާސީ ޤަވާޢިދު އެކުލަވައިލުމާއި، ހިންގުމުގެ އޮނިގަނޑު ފަރުމާކުރުމާއި، މެންބަރުން ވެއްދުމަށް ފޯމު ފުރުމާއި، ބްރޭންޑު ކުރެހުން ހިމެނެއެވެ.

އެކަންކަމުގައި ވީހާވެސް ގިނަ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ބޭނުންވާ ކަމަށާއި، އެހެންކަމުން އެކަންކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކުރުމަށް ވީހާވެސް ގިނަ އޮޅިތަކެއްގައި އެ މަސައްކަތާމެދު ޚިޔާލު ފާޅުކޮށް މަޝްވަރާކުރެވޭނެ އިންތިޒާމު ފަހިކުރުމަށް ތައްޔާރުވަމުންދާ ކަމަށް "ދަ ޑިމޮކްރެޓްސް" ނުވަތަ ޑިމޮކްރެޓުން ބުންޏެވެ.

މި ލިއުމާއި ގުޅޭ