ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުކިޔާ ތިން ލަވައެއް ދެއްކުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް-13ގެ މައްސަލަތަކެއް ބަލަން ފަށައި ޖަވާބުދާރީވާން މުއްދަތު ދީފިއެވެ.
ޗެނަލް-13ގެ ބަލަދަދުވެރި ކުންފުނިކަމަށްވާ މީޑިއާ ރިންގްއަށް ބްރޯޑްކޮމްއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައި ޗެނަލް-13އިން ދެއްކި ތިން ލަވައަކީ މުޖުތަމައުގެ އަދަބު އަޚުލާޤުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރެވޭ މިންގަނޑުތަކާ ޚިލާފު އަދި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތް ބޭނުންކޮށްފައިވާ ލަވަތަކެއް ކަމަށެވެ.
އޭގެ އިތުރަށް އެއީ ކޯޑް އޮފް ޕްރެކްޓިސްގައި ބަޔާންކުރާ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓުކުރުންކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ ލަވަތައް ހުށަހެޅުމަކީ، ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުމުގެ ހަމައާ ޚިލާފުކަމެއް ކަމަށްވެސް ބްރޯޑްކޮމްގެ ސިޓީގައި ބުނެފައިވެއެވެ.
އެ މައްސަލަ ކޮމިޝަނުން ބަލަމުން އަންނަނީ އެމައްސަލައަށް 12 ޖޫންވާ ހޯމަދުވަހުގެ 14:00ގެ ކުރިން ޖަވާބުދާރީވުމަށް ޗެނަލް-13އަށް ބްރޯޑްކޮމްއިން ފުރުސަތު ދީފައިވެއެވެ. ލިޔުމުން ޖަވާބުދާރީވަން އެދިފައިވާއިރު އެ މުއްދަތުގައި ޖަވާބުދާރީނުވެއްޖެނަމަ ލިބިފައިވާ ހެކިތަކުގެ މައްޗަށް ބަލައި ގޮތެއް ނިންމާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިންވެސް ޗެނަލް-13އިން ގެނެސްދިން ބައެއް ޕްރޮގުރާމުތަކާއި ކޮންޓެންޓުތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަތައް ބަލާފައިވެއެވެ. އަދި ބައެއް ޕްރޮގުރާމު ހުއްޓުވާފައިވެސްވެއެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުކިޔައިގެން މީޑިއާއަކަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.