ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ފިނޑި ވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ފެއްޓެވި ފިކުރެއްގެ ދިރުން ހަރަކާތުން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގަންނަވާ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށުމުންނެވެ.
އެގޮތުން އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓާ އަޙްމަދު ޙަމްދާނު އަދި ޙަމްދާނުގެ އަނބިކަނބަލުން ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އާއިޝަތު އަލައިކާ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެ ބޭފުޅުން މަޤާމުތަކުން ވަކިކުރުމަށް ރައީސް އިބްރާހީމު ނިންމެވީ "ދަ ޑިމޮކްރެޓްސް"އާ ގުޅިވަޑައިގަތުމުންނެވެ. އެ ބޭފުޅުންގެ އިތުރަށްވެސް އެކި ފަންތީގެ ސިޔާސީ މުވައްޒަފުން އަންނަނީ އައު ޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ.
މިހުރިހާ ބޭފުޅުންނަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ ވަޒީފާއިން ކަނޑައިލި ޒުވާނުން މި ސަރުކާރު ގެނައުމަށް ކުރި މަސައްކަތް މިނައި ނުކިރޭނެ ކަމަށެވެ.
އަދި ރައީސް އިބްރާހީމާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅުއްވާ އުޅުއްވުމުން އިތުރުވާނީ ނަފުރަތުކަމަށްވެސް އީވާ ވިދާޅުވިއެވެ. އެއާއެކު އޭނާ ރައީސް އިބްރާހީމު ސިފަކުރެއްވީ ފިނޑި ވެރިއެއްގެ ގޮތުގައެވެ.
ވަޒީފާއިން ވަކިކުރި ޒުވާނުންނަށް އިޝާރާތްކުރައްވައި އީވާ ވިދާޅުވީ އެއިން އެއްވެސް ބޭފުޅެއްގެ ހިތްވަރެއް ނޭލޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެބޭފުޅުން ހިތްވަރު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.