Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގއ.ވިލިނގިލި

ގއ. ވިލިނގިލީ އާބާދީ ތެރޭގައި ފެނަކައިގެ ތެޔޮ ތާނގި ހުންނާތީ ކަންބޮޑުވުން

ގއ. ވިލިނގިލީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ފެނަކައިގެ ތެޔޮ ތާނގި ހުރުމުން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު މިއަދު "ދިޔަރެސް" އަށް ވިދާޅުވީ ތެޔޮ ތާނގި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެހެންކަމުން ކޮންމެ ވަގުތަކު ވެސް ތާނގި އެއްކޮށް ހަލާކުވެ، މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ލީކު ވުމުގެ ބިރު އެބަ އޮތް ކަމަށެވެ.
އެ ސަރަހައްދުން ތެޔޮ ތާނގި ބަދަލުކުރަން ފެނަކައަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށާއި ނަމަވެސް އެފަރާތުން އެ އަމުރަށް ތަބާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާވެސް އެ އެއްކޮށް ހަލާކުވެގެން މުޅި އާބާދީ ތެރެއަށް ތެޔޮ ލީޔުވެގެން ގޮސްދާނެ، އެހާވެސް ޓޭންކުގެ ހާލަތު ދަށް،" ވިޝާލް ވިދާޅުވި އެވެ.

އެހެންވެ، ތެޔޮ ތާނގި އެހެން ސަރަހައްދަކަށް ބަދަލުކުރަން ފެނަކައަށް ބިމެއް ދީފައިވާ ކަމަށާއި، އެ ބިން ހުސްކޮށްދޭން ފެނަކައިން އެދުމުން ބިން ހުސްކޮށްދީފައި ހުންނަތާ ވެސް އެތައް ދުވަހެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އެމީހުންނަކަށް ތެޔޮ ޓޭންކު އާބާދީން ބޭރަށް މޫވް ކުރެވޭ ވަރެއް ނުވޭ. އޭތި މޫވް ކުރަން ވެގެން ކައުންސިލުން މިހާރު އެމީހުންނަށް އަންގާތާ ފުދޭވަރަކަށް ގިނަ ދުވަސް ވެއްޖެ،" ވިޝާލް ވިދާޅުވެއްޖެ އެވެ.

ކޮންމެ ފަހަރަކު ވެސް ފެނަކައަށް އެންގުމުން ތާނގި މީހުން ދިރިއުޅޭ ސަރަހައްދާ ދުރަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެކަން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންބޮޑުވުމަކީ މިއަދު ވެސް ތެޔޮ ތާނގި ފަޅައިގެން ގޮސް، އާބާދީގެ ތެރެއަށް ތެޔޮ ލީކުވެގެން ގޮސްދާނެތީ. އެހެންވީމަ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ ވީހާވެސް އަވަހަށް މި[ތާނގި] މޫވް ކުރާށޭ. އެކަމަކު އެއަށް އިޖާބަ ދޭނެ ބަޔަކު ވެސް ނެތް ފެނަކައިގެ ތެރޭގައެއް،" ވިޝާލް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ