ކޮވިޑް-19 އާލަމީ ވަބާގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު އިންޑިއާ ކަނޑުގެ އެހެން ޖަޒީރާ ޤައުމެއް ކަމުގައިވާ ސީޝެލްސްއިން މަރުވި މީހުންގެ އަދަށްވުރެ މަދުވުމުން އެ ޤައުމުގެ ރައީސް ގުޅުއްވައި ރާއްޖެއިން ކޮވިޑް ހަންމަތަކުރަން އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
"އަޅުގަނޑަށް ސީޝެލްސްގެ ރައީސް ފޯނުކުރެއްވި އެ ދުވަސްވަރު. އެއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި އެވަރަކަށް މީހުން މަރުނުވޭ. ގުޅުއްވައި އެއްސެވި ކީއްވެހޭ ރާއްޖޭގައި މީހުން މަރުނުވަނީ.،" ރައީސް ވިދާޅުވިއެވެ. ސީޝެލްސްގެ ރައީސް ގުޅުއްވި ވަކި ތާރީޚެއް ރައީސް ވިދާޅުނުވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެ ދުވަސްވަރު ސީޝެލްސްއިން ދުވާލަކު 2، 3 މީހުން މަރުވާކަމަށް ވިދާޅުވެ ސީޝެލްސްގެ ރައީސް ރާއްޖެއިން އަޅަމުން އައި ހަރުދަނާ ފިޔަވަޅުތައް އޮޅުންފިލުއްވަން އެދިވަޑައިގަތުމުން އެއިރު ރާއްޖެއިން އަޅަމުން އައި ފިޔަވަޅުތައް ހިއްސާކުރެއްވި ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސީޝެލްސްއިން ކޮވިޑުގައި މަރުވެފައިވަނީ 172 މީހުންނެވެ. ރާއްޖެއިން އެ ބަލީގައި 315 މީހަކު ނިޔާވިކަން އެ ޖަމްއިއްޔާގެ ހިސާބުތަކުން ދައްކައެވެ.
އެ ހިސާބުތަކަށް ބަލާއިރު އެންމެ ފުރަތަމަ ސީޝެލްސްއިން ކޮވިޑުގައި މިހާކު މަރުވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެމަހުގެ 18 ވަނަ ދުވަހު އެ ޤައުމުން އެކަކު މަރުވިއިރު ރާއްޖެއިން ޖަނަވަރީ 4 ވަނަ ދުވަހު އެކަކު އެ ބަލީގައި ނިޔާވިކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެ އަހަރު އެ ޤައުމުން އެންމެ ގިނައިން މީހުން ނިޔާވި ދެ ދުވަސްކަމަށްވާ ޖުލައި މަހުގެ 5 އަދި 19 ގައި މަރުވީ 11 މީހުންނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވީ 2020 ވަނަ އަހަރުއެވެ. އެ އަހަރުގެ އޭޕުރީލް މަހުގައި އެކަކު އަދި ޖެހިގެން އައި މޭ މަހުގެ 4 ވަނަ ދުވަހުގައި ރާއްޖެއިން 2 މީހަކު ނިޔާވިއެވެ. އެހެންކަމުން ސީޝެލްސްއިން ކޮވިޑުގައި މީހަކު މަރުނުވަނީސް ރާއްޖެއިން ކޮވިޑުގައި މީހުން މަރުވާން ފަށައިފިއެވެ.
ދުނިޔޭގައި ކޮވިޑު ފެތުރެން ފެށިތާ އަހަރެއްހައި ދުވަސްވަންދެން ސީޝެލްސްގައި ކޮވިޑުގައި މީހަކު މަރުވިޔަނުދީ ހިފަހެއްޓޭ މިންވަރަށް ހަރުދަނާ ފިޔަވަޅުތައް އެޅިކަން އެ ހިސާބުތަކުން ދައްކައެވެ.
ސީޝެލްސްއިން ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެއްކަމަށް ޑަބްލިއުއެޗްއޯގެ ހިސާބުތަކުން ދައްކަނީ ފެބްރުއަރީ 21، 2021 އެވެ. އެ ދުވަހު އެ ޤައުމުން އެބަލީގައި މަރުވީ ޖުމްލަ 12 މީހުންނެވެ. ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑުގައި ނިޔާވި ދުވަސްކަމަށްވާ 17 މޭ 2021 ގައި ޖުމްލަ 32 މީހުން ނިޔާވެފައިވެއެވެ.
އެހެންކަމުން ރައީސްގެ ވާހަކަފުޅުގައި ހަމަނުޖެހޭ ދެ ނުކުތާއެއް ފާހަގަކުރެވެއެވެ. ފުރަތަމަ ވާހަކައަކީ ސީޝެލްސްގައި ރާއްޖެއަށްވުރެ ގިނައިން މީހުން މަރުވަމުން ދިޔައިރު ރާއްޖެއިން މީހުން މަރުވަމުން ނުދާ ދުވަސްވަރެއްގެ ވާހަކައެވެ. ޑަބްލިއުއެޗްއޯގެ ހިސާބުތަކުން ފެންނަނީ ކޮވިޑް-19 ފެށުނު 2020 ވަނަ އަހަރު ސީޝެލްސްއިން އެންމެ މީހަކުވެސް މަރުނުވާކަމެވެ. ރާއްޖެއިން އެ އަހަރު 48 މީހަކު ނިޔާވިއެވެ. އެހެންކަމުން ރާއްޖެއިން މީހަކު ނިޔާނުވެ ސީޝެލްސްއިން މީހުން ނިޔާވި ދުވަސްވަރެއް ހިސާބުތަކުން ފެންނާކަށް ނެތެވެ.
ދެވަނަ ނުކުތާއަކީ ސީޝެލްސްގައި މަރުވާ މީހުންގެ އަދަދު ރާއްޖޭގައި މީހުން މަރުވާ އަދަށްވުރެ މަދު ދުވަސްވަރެއް އޮތްކަމަށް ދޭހަވާ ގޮތަށް ރައީސް ދެއްކެވި ވާހަކަފުޅެވެ. ނަމަވެސް ހިސާބުތަކުން ފެންނަ ގޮތުގައި ސީޝެލްސްއިން ކޮވިޑުގައި މީހުން މަރުވާން ފެށީ ޖަނަވަރީ 2021ގައެވެ. އެ ހިސާބުން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދެ ޤައުމުގައިވެސް މީހުން މަރުވަމުން އައީ އެއްވަރަކަށެވެ.
އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި މީހުން މަރުވާ ނިސްބަތް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މޭ މަހުގައި ރާއްޖެއިން 111 މީހުން ނިޔާވިއިރު ސީޝެލްސްއިން ނިޔާވެފައިވަނީ އެންމެ 14 މީހުންނެވެ.
ކޮވިޑްގައި ވަރަށް ހިތްދަތި ހާލުގައި އާއިލާއާ ދުރުގައި ވަސީލަތްތައް ފުރިހަމަނުވާ ފެސިލިޓީތަކުގައި ވޭނާއި ކެކުޅުމުގައި ގިނަ އަދަދެއްގެ ދިވެހިން ނިޔާވިއެވެ. އެކަމަށް ފަސްއަޅައި ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މޮޅަށް ކޮވިޑު މެނޭޖުކުރި ޤައުމަކީ ދިވެހިރާއްޖެކަމަށް ދެއްކުމަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.