ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބޭރުގެ އެމްބަސީތަކަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވިދާޅުވެ މިހާރުގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު އެއިރު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތައް މީސްމީޑިއާގައި ފެންމަތިވެއްޖެއެވެ.
ރާއްޖެޓީވީއަށް އެއިރު ދެއްވި އިންޓަވިއުއެއްގައި،"ޕީޕީއެމްގެ އެކްޓިވިސްޓުންނަށް މަޤާމު ދޭންވީމައި ފޮނުވަންހުރި ތަންތަންތޯ ބޭރުގައި ހުރި އެމްބަސީތަކަކީ؟" ޝާހިދު ސުވާލުކުރެއްވިއެވެ. އަދި މިސާލެއްގެ ގޮތުގައި ޝާހިދު ފާހަގަކުރައްވާފައިވަނީ މެލޭޝިޔާގައި ހުންނަ ހައިކޮމިޝަނެވެ.
"ނިކަން ބައްލަވާ މިފަހަރުގެ ބަޖެޓުން އެ މިޝަނެއްގެ ބަޖެޓަށް 41 ޕަސެންޓު އިތުރުވެފައިވާ ތަނެއް މެލޭޝިޔާގައި ހުންނަ އެމްބަސީއަކީ މިޝަނަކީ. 41 ޕަސެންޓު އިތުރުވޭ.،" ޝާހިދު ވިދާޅުވިއެވެ. އަދި ހައިކޮމިޝަނުގައި އެއިރު ތިއްބެވި 9 މުވައްޒަފުންގެ ތެރެއިން ދެ ބޭފުޅުން ނޫން ހުރިހާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ފައިސާ. ޓެކުސް ދައްކާ ދިވެހި ރައްޔިތުންގެ ފައިސާ މި ޚަރަދުކުރަނީ. އަޑުއިވެނީ އަންނަ އަހަރު [2018 ގައި] ހަނޑޫ ހަކުރު ފުށުންވެސް ޓެކުސް ނަންގަވާނޭ. ޑިއުޓީ ނަންގަވާނޭ. ޑިއުޓީއަކީވެސް ޓެކުސްއެއް. އެހެންވީމައި އެންމެ އާދައިގެ މީހާ ކާން ބޭނުންކުރާ ހަނޑޫކޮޅުން ޓެކުސް ނަންގަވާފައި، ސިޔާސީ ބޭފުޅުންނަށް ވަޒީފާ ދެއްވާފައި ރާއްޖެއިން ބޭރުގައި ބައިތިއްބަވާކަށް އަޅުގަނޑުމެންނަށް ތާއީދެއް ނުކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ޚާރިޖީ ދާއިރާގެ ބަޖެޓުގެ 79 އިންސައްތަ ޚަރަދުވަނީ އެމްބަސީއަށް ކަމަށާއި، އަދި އެމްބަސީތަކުގައި ތިބީ ކިހާ ސިޔާސީ މީހުންނެއްތޯ ބަލަން ބޭނުންފުޅުވާކަމަށާއި، ނަމަވެސް އެ މައުލޫމާތު ޚާރިޖިއްޔާއަށްވެސް ސާފުކޮށް ނުދެއްވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު މިޝަންތަކުގެ ބަޖެޓަށް ދައުލަތުން ކުރަމުން އައި ޚަރަދު 2018 ވަނަ އަހަރާ އަޅާބަލާއިރު ނިމުނު އަހަރުގެ ނިޔަލަށް 62 އިންސައްތަވަނީ އިތުރުވެފައެވެ.
2018 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ހުރި ހުރިހާ އެމްބަސީއަކަށް ޚަރަދުވީ 164.1 މިލިއަން ރުފިޔާއެވެ. އަދި 2017 ވަނަ އަހަރު ޚަރަދުވީ 161.5 މިލިއަން ރުފިޔާއެވެ. އަހަރުން އަހަރަށް އިތުރުވީ އެންމެ 2.6 މިލިއަން ރުފިޔާއެވެ. އަދި 2015 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު އެމްބަސީތަކަށް ކުރާ ޚަރަދަށް އިތުރުވީ 14 މިލިއަން ރުފިޔާއެވެ.
ނަމަވެސް ޝާހިދުގެ ޚާރިޖީވަޒީރުކަމުގެ ފުރަތަމަ އަހަރު އެ އަދަދުވަނީ 184.3 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 2020 ވަނަ އަހަރު އެ އަދަދުވަނީ 212.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި 2021 ގައި އެ އަދަދުވަނީ 226.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ވަނަ އަހަރު 20.2 މިލިއަން ރުފިޔާ އިތުރަށް އެމްބަސީތަކަށް ޚަރަދުކުރިއެވެ. ޖެހިގެން އައި 2020 ގައި 28.5 މިލިއަން ރުފިޔާ އިތުރުކުރިއެވެ. ޖެހިގެން އައި 2021 ގައި އަނެއްކާ އިތުރު 13 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރިއެވެ.
ޝާހިދު މިސާލެއްގެ ގޮތުގައި ނެންގެވީ މެލޭޝިޔާގެ އެމްބަސީއެވެ. އެ އެމްބަސީއަކީ ޝާހިދުގެ ފާޑުވިދާޅުވުންތައް އޭނާ "އިސްލާހު"ކުރެއްވި ގޮތް ބަލައިލަން ހަމަ ރަނގަޅު ނަމޫނާއެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި 9 މުވައްޒަފުން އެ ސަފާރާގައި ތިބިކަމަށް ޝާހިދު ވިދާޅުވި ނަމަވެސް މި ސަރުކާރުން ހާމަކުރި މައުލޫމާތަށް ބަލާއިރު 2018 ވަނަ އަހަރު އެ ސަފާރާގައި ތިބީ 6 މުވައްޒަފުންނެވެ.
2022 ވަނަ އަހަރު އެ ސަފާރާގައި 19 މުވައްޒަފުން ތިއްބެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ތިން އަހަރު އެކީ އެ ސަފާރާއަށް ޚަރަދުކުރީ 43.16 މިލިއަން ރުފިޔާއެވެ. 2022 ގައި އެކަނި އެ ސަފާރާއަށް މި ސަރުކާރުން 33.5 މިލިއަން ޚަރަދުކުރިއެވެ. ޝާހިދުގެ ޚާރިޖީވަޒީރުކަމުގެ ފުރަތަމަ ތިން އަހަރުގައި އެ ސަފާރާގެ ބަޖެޓަކީ 82.01 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ އެމްބަސީގެ ޚަރަދުތައް ޝާހިދުގެ ބެއްލެވުމުގެ ދަށުގައި 90 އިންސައްތަ މައްޗަށް ދިޔައެވެ.
އެމްބަސީގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އާއިލާއާއެކު މެލޭޝިޔާގައެވެ. މެލޭޝިޔާގައި އާއިލާ ނެތް މީހުންވެސް ޑިޕެންޑެންޓު ވިސާ ނަގައެވެ. 2022 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެއިރު އެމްބަސީގައި ތިބި 19 މުވައްޒަފުންނަށް 30 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ އެވެރެޖުކޮށް އަހަރެއްގެ މައްޗަށް އެއިން މުވައްޒަފަކަށް 1.5 ބިލިއަނެވެ.
މުވައްޒަފުންނަށް ކުރާ ޚަރަދު އެތައް ގުނައެއް އިތުރުވަމުންދާތީ އެއިން ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިކަން އޮޅުންފިލުވުމަށް "ދިޔަރެސް"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން އެ މައުލޫމާތަކީ ފޮރިން މިނިސްޓްރީއަށް އެނގޭ މައުލޫމާތަކަށް ނުވިއެވެ. މިނިސްޓްރީން ބުނީ އެ މައުލޫމާތު ދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށެވެ.
ދެން ރައީސް އޮފީހަށް އެ މައްސަލަ ތަހުވީލުކުރުމުން ރައީސް އޮފީހުން ޝީޓެއް ފޮނުވިއިރު ސިޔާސީ މުވައްޒަފުންގެ އަދަދެއް، ވަޒީފާ ދީފައި ތިބީ ކޮންބައެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ހިމަނާފައި ނެތެވެ.
ރައީސް އޮފީހުން ފޮނުވި ޝީޓުގައި ޝީޓުގައި މުސާރަ ހިމަނާފައި ހުރި ނަމަވެސް ހިމަނާފައި ހުރީ އާންމު ގޮތެއްގައި، އިން ޖެނެރަލް ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސަފީރަކަށް ނުވަތަ މިނިސްޓަރުގެ ނައިބަށް ލިބޭ މުސާރައިގެ ތަފްސީލެވެ. އޭގައި ވަކި މަގާމެއްގައި ހުރި މީހުންގެ ވަނަވަރާއި އެ މަގާމުގައި ކިތަށް މީހުން ތިބި ކަމާއި އެމީހުންގެ މުސާރަ ހާމަކޮށްފައެއް ނުވެއެވެ.
އެކަމަކު "ދިޔަރެސް"އަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމްޑީޕީއާ ގުޅުންހުރި ނުފޫޒުގަދަ ފަރާތްތަކުގެ އާއިލާތަކަށް ސިޔާސީ ބޮޑެތި މަޤާމުތައް ދީފައިވެއެވެ. އެގޮތުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި ހުރި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ގެ ދަރިފުޅު މިޒްނާ ޝަރީފަށް އަހަރެއްގެ މައްޗަށް 2.4 މިލިއަން ރުފިޔާ ލިބެއެވެ. އެއީ މަހެއްގެ މައްޗަށް 2 ލައްކަ ރުފިޔާ އެވެ.
އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޅިޔަނު، ބަދުރުއްދީން ނަސީމަށް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކެޓްރީގެ މަގާމުން އަހަރެއްގެ މައްޗަށް މުސާރައާއި އިނާޔަތްތަކާއި އެކު 1.4 މިލިއަން ރުފިޔާ ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 119،304 ރުފިޔާ އެވެ.
އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރގެ މަގާމުގައި ހުންނަވާ ހުސެއިން ރަޝީދު އަހުމަދަށް ވެސް ސަރުކާރުން އަހަރެއްގެ މައްޗަށް 2،002،047 ހަރަދުކުރެ އެވެ. އެއީ މަހެއްގެ މައްޗަށް 166،837 ރުފިޔާ އެވެ.
އަދި ރައީސް އިބްރާހީމަށް ސަނާ ވިދާޅުވާތީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޝަހީމުގެ ދަރިފުޅަށްވެސް ޖަރުމަނުގެ އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވެއެވެ. އަދި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ދަރިފުޅު މަރިޔަމް ފައިނާނަށްވެސް އަހަރަކު 1.5 މިލިއަން ރުފިޔާ ލިބޭ ވަޒީފާއެއް ހަމަޖައްސާފައިވެއެވެ.
މިއީ ސިޔާސީ ގޮތުން ޚާރިޖިއްޔާއިން ދީފައިވާ ބައެއް މަޤާމެވެ. ނަމަވެސް ދޭތެރެއަކުން އައު ވަޒީފާތައް ޚާރިޖިއްޔާ ތެރެއިން އުފައްދަވައި ރައީސް ގެންދަވަނީ ދެއްވަމުންނެވެ. ގިނަ ވަޒީފާތަކަށް ބޭފުޅުން އައްޔަންކުރައްވާކަންވެސް އެނގޭނެ ގޮތެއް ނޯވެއެވެ.
ޝާހިދުގެ ޚާރިޖީވަޒީރުކަމުގައި އެ ވުޒާރާގެ ޚަރަދުތައް އެތައް ގުނައެއް އިތުރުވެއްޖެއެވެ. މި އަހަރަށް ޚާރިޖީވުޒާރާގެ ބަޖެޓަކީ 367 މިލިއަން ރުފިޔާއެވެ. އެއީ 2022 ވަނަ އަހަރަަށްވުރެ 46 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. އެ ބަޖެޓުގައި އޮތީ ނިމުނު އަހަރަށްވުރެ ހުރިހާ އެމްބަސީއަކަށް ކުރާ ޚަރަދު ބޮޑުކޮށްފައެވެ. އެހެންވީމާ އެމްބަސީތަކަށް ކުރާ ޚަރަދު އަންނަނީ ހުއްޓުމެއް ނެތި، ކުރިއަށްވުރެ ހަލުއިކޮށް އިތުރުވަމުންނެވެ.
އެމްބަސީތަކުގެ ބަޖެޓު ބޮޑުވާއިރު، ކުރާ ޚަރަދުގެ ބޮޑު ބައެއް ޚަރަދުކުރަނީ މުވައްޒަފުންނަށެވެ. އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެމީހުން އުޅެނީ ސިޔާސީ އެކްޓިވިޒަމުގައި ޓުވިޓާގައި ސަރުކާރަށް ފާޑުކިޔާ އާންމުންނާއި ނޫސްވެރިންނާ ފޮށުމުގައެވެ. ރައްޔިތުންގެ ފައިސާއިން ދެމުންދާ ބޮޑު މުސާރާގައި ބޭރު ޤައުމުތަކުގައި އަރާމު ދިރިއުޅުމެއް އުޅެމުންނެވެ.
މި ޚަރަދުތަކާއި ސަރުކާރުގެ އިތުރު ޚަރަދުތައްވެސް ބޮޑުވެ ދެކޮޅުނުޖެހި ބަޖެޓުގެ ޑެފިސިޓު އިންތިހާއަށް ބޮޑުވާން ފެށުމުން ރައްޔިތުން އަތުން ނަގަމުން އައި ޖީއެސްޓީ ނަގާ މިންވަރުވެސް ސަރުކާރުންވަނީ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައެވެ.
ޝާހިދު ދެއްކެވި މިސާލަށް ބަލާއިރުވެސް އެ އެމްބަސީގައި ތިިބި މުވައްޒަފުންގެ އަދަދު އެއިރު އޭނާ ވިދާޅުވި އަދަދަށްވުރެ އެތައް ގުނައެއް އިތުރުވެއްޖެއެވެ. ޚަރަދު ބޮޑުވެއްޖެއެވެ. އެތަނުގައި ގިނައީ ސިޔާސީ މީހުންނެވެ. މަސައްކަތެއް ނެތި އުޅޭ މީހުންނެވެ. ޓުވިޓާގައި މީހުންނާ ފޮށުން ނޫން ކަމެއް ކުރާކަށް ނުވެސް އުޅެނީއެވެ.
އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ކުރީގެ ފޮރިން މިނިސްޓްރީއަށް ނޭނގޭނެކަމަށް ޝާހިދު ވިދާޅުވިއިރު މިއަދު އެ އަދަދުތަކާއި މީހުންގެ ވަނަވަރުތައް ޝާހިދުގެ ވަޒީރުކަމުގައި އެ ވުޒާރާއަށް ނޭނގުނެވެ. އަނެއްކާ އެ މައުލޫމާތު ދޭން ފަސްޖެހި ސަރުކާރުން އެ މައުލޫމާތުވެސް ވަންހަނާކޮށްފިއެވެ.
އެ ދުވަހު ޝާހިދު ސިފަކުރެއްވި، ސިޔާސީ މުވައްޒަފުން ގިނަ، ޚަރަދު ބޮޑު، އެކްޓިވިސްޓުން ލައިގެން ހިންގާ، ސިޔާސީ ބޭނުމަށް މީހުންގެ ވަފާތެރިކަން ގަންނަ އާލަތެއްގެ ގޮތުގައި ބޭނުންކުރާ ޚާރިޖީވުޒާރާ މިހާރު އެއޮތީ ސާފުކޮށް ފެންނާށެވެ. އެ ވުޒާރާ އެގޮތަށް ތަރުތީބުކުރައްވައިގެން ހިންގަވަނީ ޝާހިދެވެ.