ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލި މައްސަލައިގައި ސޮއިކުރާ ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނޯންނާނެ ކަމަށް މީގެ ކުރިން ދިވެހި ސަރުކާރުތަކުން ބުނަމުން އައި ސްޓޭންޑު ބަދަލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.
ރާއްޖެ- މޮރިޝަސް އިމުގެ މައްސަލަ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި އޮއްވައި މަޖިލީހުގެ ލަފާވެސް ހޯދުމެއް ނެތި ރައީސް ފޮނުއްވި އެ ސިޓީއާއެކު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ މައްސަލައިގައި ހިޔާލު އެއްގޮތް ފަރާތްތަކުން އިއްތިހާދެއް އެކުލަވާލައި، ޕެޓިޝަނެއްގައި ވަނީ ސޮއިކުރަން ފަށާފަ އެވެ. އެ އިއްތިހާދުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ބަންޑާރަ ނައިބުން ހިމެނިވަޑައިގަންނަވަ އެވެ.
ކަނޑު ވިއްކާލުމާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރުން ކުރިއަށްދަނީ-- ފޮޓޯ/ ޕީޕީއެމް
އެ ޕެޓިޝަންގައި ވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ. އަދި އެ މައްސަލައިގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އެންގުމުގެ އިތުރުން، މައްސަލަ އަލުން ބެލުމަށް އިޓްލޮސްއަށް ހުށަހެޅުމަށް ވެސް އެ ޕެޓިޝަންގައި ހިމަނާފައިވެ އެވެ.
ޕެޓިޝަންގައި ސޮއިކުރުން ކޮންމެ ދުވަހަކު ވެސް ހަވީރު މާލޭ އާޓިފިޝަން ބީޗް އަދި ރަސްފަންނު ސަރަހައްދުގައި އަދި، ބައެއް ދުވަސްތަކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާއިރު، އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިއްތިހާދުން ބުނެ އެވެ. އަދި ރަށްރަށުގައި ވެސް ސޮއިކުރުމުގެ ހަރަކާތް ކުރިއަށް އެބަދެ އެވެ.
މިހާތަނަށް ގިނަ އަދަދެއްގެ ސޮއި ލިބިފައިވާ ކަމަށް އެފަރާތުން ބުނެ އެވެ.
އެ މައްސަލައިގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ މަހު 2 ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބޮޑު ރެލީގެ ތައްޔާރީތައް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިއްތިހާދުން ބުނެ އެވެ. ޕެޓިޝަން ހުށަހަޅާނެ ދުވަހާއި ސޮއިގެ ތަފްސީލު ހާމަކުރާނީ އެ ރެލީގަ އެވެ.
ކަނޑު ވިއްކާލުމާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރުން ކުރިއަށްދަނީ-- ފޮޓޯ/ ޕީޕީއެމް
އިމުގެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމީ ފުށުއަރާ ކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ. އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފަ އެވެ.