މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކާއެކު، ޒުވާނުންނަށް ހާއްސަ އިވެންޓެއްގެ ގޮތުގައި "ފުރަވީރުން"ގެ ނަމުގައި ބޭއްވި ބޮޑު އިވެންޓު ބަލައިލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގިނަ ބަޔަކު އެއްވީ ހަވާ އަރުވާތީ އެވެ.
ފުރަވީރުންގެ ނަމުގައި ސޯޝަލް މީޑިއާ ޕޭޖްތައް ހަދައިގެން އެ އިވެންޓު ޕްރޮމޯޓު ކުރަމުން ދިޔައީ "ޒުވާނުންނަށް ހާއްސަ" މުނިފޫހި ފިލުވުމުގެ އިވެންޓެއްގެ ގޮތުގަ އެވެ.
އެ އިވެންޓުގައި ލައިވް ޑީޖޭ ޕާފޯމެންސް އާއި، ފަޔާ ޑާންސް، ބޮޑުބެރު، ފުޓްބޯލް ފްރީސްޓައިލް ޕާފޯމެންސް، ނެށުންތަކުގެ އިތުރުން ސައިކަލު ބުރާއި ހަވާ އެރުވުން އޮންނާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕްރޮމޯޓުކުރި އިރު އެއީ ސިޔާސީ ޕާޓީއަކުން އިންތިޒާމު ކުރާ ހަރަކާތެއް ކަމެއް ނުބުނެ އެވެ.
އެ ހަރަކާތް ނޫސްތަކުގައި ރިޕޯޓު ކުރި އިރު ވެސް އެއީ ސިޔާސީ ޕާޓީއަކާ ގުޅުމެއް އޮތް ހަރަކާތެއް ކަމެއް ހިމަނާފައެއް ނެތެވެ. ގިނަ ބަޔަކަށް ހީވެފައި އޮތީ ސަރުކާރުން ނުވަތަ ކޮންމެވެސް އަމިއްލަ ޖަމިއްޔާތަކަކުން ބާއްވާ މުނިފޫހި ފިލުވުމުގެ އިވެންޓެއްގެ ގޮތުގަ އެވެ.
"މިއީ ކާކު، ކީއްކުރަން ބާއްވާ ހަރަކާތެއްކަން އަދި ނޭނގުނު ނަމަވެސް، އިވެންޓުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ކޮންމެވެސް މިންވަރެއް އެނގުމުން، އިވެންޓަށް ދާން ކެތްމަދުވެފައި އެތައް ޒުވާނުންނެއް ތިބޭނެ" ކަމަށް
ނޫސްތަކުގައި ރިޕޯޓުކުރި އެވެ.
އެއާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 9 ޖެހި އިރު ހުޅުމާލޭ ސެންޓްރަލް ޕާކު އޮތީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ގިނަ ޒުވާނުންނާއި، ކުދި ބޮޑު އެކި އުމުރުފުރާގެ އެންމެން އެއްވެއް ފުރާލާފަ އެވެ. ގިނަ މީހުން އެ ސަރަހައްދަށް ދިޔައީ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު ހަވާ އަރުވާތަން ބަލައިލާށެވެ.
އެއީ ސިޔާސީ ޕާޓީއަކާ ގުޅުމެއް އޮތް ހަރަކާތެއް ކަމެއްވެސް އެ އިވެންޓު ބަލަން އެއްވި ގިނަ މީހުންނަކަށް އޭރު ނޭނގެ އެވެ.
އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިންތިޒާމު ކޮށްގެން ބޭއްވި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕެއިން ހަރަކާތެއްކަން ގިނަ ފަރާތްތަކަށް އެނގުނީ އެ އިވެންޓަށް ދިޔަ ފަހުން އެ އިވެންޓުގައި ގާސިމާއި، އަނބިކަނބަލުން އައިޝަތު ނަހްލާ ސްޓޭޖަށް އަރައިވަޑައިގަތުމުންނެވެ.
އެކަމާ ހިތްހަމަ ނުޖެހި، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި ވަނީ އެއީ އޮޅުވާލައިގެން މީހުން އެއްކުރަން ޖޭޕީން ހިންގި ބޮޑު ސްކޭމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ފުރަވީރުން އިވެންޓުގައި ގާސިމްގެ ދެކަނބަލުން--- ފޮޓޯ/ ފުރަވީރުން ޓުވިޓާ
"އެތައް ސަތޭކަ ޅަ ދަރިންނާއެކު ރައްޔިތުންގެ އެތައް ބަޔަކު ދިއުމުން މި އެނގިގެން ދިޔައީ ގާސިމްގެ ކެމްޕެއިން އިވެންޓެއް ކަމާއި އޭނަގެ ސިޔާސީ އިވެންޓު ނިމިގެން ކަން ހަވާ އެރުވުން އޮތީ. ކީއްކުރަން 9:00 ގައި ހަވާ އަރުވާނެ ކަމަށް އިޝްތިހާރުކޮށްގެން ރައްޔިތުން ގުނބޯ ހައްދައިގެން ގެންދަންވީ؟ މިނޫން ގޮތަކަށް ކެމްޕެއިން ލޯންޗުކުރަން ނުކެރުނީ؟ ބަޔަކު ނައިސްފާނެތީ ލަދުން؟،" އެ އިވެންޓާ ގުޅިގެން މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"އޮޅުވާލައިގެން" މާލޭ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު އެ ހަރަކާތަށް އެއްކުރުމަށްފަހު ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ހުންނެވީ ޒުވާނުންނާއި އެކުގައި ކަމަށާއި، ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ޖޭޕީއާ އަލަށް ގުޅުނު ފަރާތްތަކެއްގެ ފޯމު ވެސް އެ އިވެންޓުގައި ވަނީ ގާސިމާ ހަވާލު ކުރައްވާފަ އެވެ.
އެ އިވެންޓަކީ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާގެ އިސްނެންގުވުމުގެ މަތިން ޒުވާނުންނަށް ހާއްސަކޮށް ބޭއްވި އިވެންޓެއް ކަމަށް ނޫސްތަކުގައި ރިޕޯޓުކުރީ އެ އިވެންޓު ނިމުނު ފަހުންނެވެ. ފުރަވީރުންގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް ވެސް ޖޭޕީގެ އިސް ބޭފުޅުންގެ ފޯޓޯ ލީ އިވެންޓު ނިމުނު ފަހުންނެވެ.
އެ އިވެންޓުގައި ނަހުލާ ވިދާޅުވީ ޖޭޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދާނެ ކަމަށެވެ.
މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އަންނަ މަހު 9 ގައި ހަވާލުކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. ޖޭޕީން ބުނި ގޮތުގައި ރިޔާސީ ޓިކެޓް އަރުވާނީ މާލޭގެ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު އެ ޕާޓީގެ ބޮޑު ޖަލްސާއެއްގަ އެވެ.
ޕްރައިމަރީއަކާ ނުލައި ގާސިމަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ޖޭޕީގެ ކައުންސިލަށް ހުށަހެޅި ގަރާރަކުން ފާސްކޮށްގެންނެވެ. އަދި ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިދިޔަ މާޗު މަހު އިއުލާންކުރި އެވެ. އެއާއެކު މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން ސިޔާސީ ހަރަކާތްތައް ފެށި އެވެ.