Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

އިންޑިއާ ރާއްޖެ ގުޅުމަށް ކުރާނެ އަސަރު ބިނާވަނީ ރައީސް ޔާމީނަށް އިންތިޚާބަށް ކުރިމަތިލެވުމާ: އިންޑިއަން ނެރޭޓިވް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވި ނަމަވެސް އިންޑިއާއަށް ގެއްލުމެއް ނުވާނެކަމަށާއި އެކަން ބިނާވަނީ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނަށް އިންތިޚާބަށް ކުރިމަތިލެެއްވުމާކަމަށް، އެ ޤައުމުގެ ނޫހެއްކަމަށްވާ "އިންޑިއަން ނެރޭޓިވް"ގައި ރިޕޯޓުކޮށްފިއެވެ.

ވެރިކަންކުރާ އެމްޑީޕީ ދެފަޅިވެ ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުން ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ކުރާނެ އަސަރާ ގުޅޭ ގޮތުން އެ ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނި ގޮތުގައި ރައީސް ނަޝީދާއި ރައީސް އިބްރާހީމަކީވެސް އިންޑިއާއާ އެކުވެރި ދެ ބޭފުޅުންނެވެ.

އެ ލިޔުމަށް މައުލޫމާތުދެއްވި ސައުތު އޭޝިއަން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސާ ދަނަންޖޭ ޓްރިޕާތީ ވިދާޅުވި ގޮތުގައި އެމްޑީޕީ ދެފަޅިވުމުން އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް އަސަރެއްކުރާނެކަން ދެނެގަންނަން އަދި އަވަހެވެ.

އެހެންނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާއި އިންޑިއާ ގުޅުމަށް ކުރާނެ އަސަރު ވަރަށް ބޮޑަށް ބިނާވަނީ މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް އިންތިޚާބާ ކުރިމަތިލެއްވުމުގެ ފުރުސަތު އޮތުމާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ އިންޑިއާއާ ދެކޮޅު ވަރުގަދަ ސިޔާސަތެއްގައި ޕީޕީއެމް ކުރިއަށްގެންދަވާ ލީޑަރެކެވެ.

"ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަން ސާފެއް ނޫން. އެމަނިކުފާނު ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ޕާޓީން އަންނަނީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން،" ޓްރިޕާތީ ވިދާޅުވިއެވެ.

އިތުރަށް އޭނާ ފާހަގަކުރެއްވީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް ވާދަކުރެއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ދެ ބޭފުޅުން ކަމަށެވެ. ރައީސް އިބްރާހީމު ނުވަތަ ރައީސް ނަޝީދަށް އިދިކޮޅު ޕާޓީތަކުން ތާއީދުކުރާނެ ހާލަތެއް އިންތިޚާބުގައި މެދުވެރިވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޓްރިޕާތީ ވިދާޅުވިއެވެ.

މިފަދައިން އިންޑިއާގެ މާހިރުން ވިދާޅުވާއިރު ރައީސް ޔާމީނަށް އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ފުރުސަތު ނުލިބޭ ގޮތަށް އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށް ބާރުއަޅަނީ އިންޑިއާއިން ކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކުރެއެވެ.

މި ލިއުމާއި ގުޅޭ