Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޗެމްޕިއަންކަމާ އެކު ޕީއެސްޖީ އާއި މެސީ އަށް ރެކޯޑެއް

ފްރާންސް ލީގުގެ ޗެމްޕިއަންކަން ރެކޯޑް އަދަދަކަށް ޕީއެސްޖީ އިން ރޭ ހޯދި މެޗުގައި އެޓީމުގެ ލިއޮނެލް މެސީ ވެސް ރެކޯޑް ހަދައިފި އެވެ.

ޕީއެސްޖީ އިން ރޭ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ސްޓްރަސްބާގާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ. މި ސީޒަނުގެ ލީގު ޗެމްޕިއަން ކަމާ އެކު ޕީއެސްޖީ އިން މިހާރު ވަނީ ފްރާންސް ލީގު ރެކޯޑް އަދަދެއް ކަމަށްވާ 11 ވަނަ ފަހަރަށް ހޯދައިފަ އެވެ. ޕީއެސްޖީގެ ފަހަތުން ޗެމްޕިއަން ލިސްޓުގެ ދެ ވަނައިގައި އޮތީ 10 ފަހަރު ލީގު ހޯދައިފައިވާ މާސޭ އާއި ސެއިންޓް އެޓިއެން އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެސީ އެވެ. މި ގޯލާ އެކު މެސީ ވެފައިވަނީ ޔޫރަޕްގެ ފަސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. ރޭ މެސީ ޖެހީ ކެރިއަރުގައި 496 ވަނަ ލީގު ގޯލެވެ. ކުރިން އެއް ވަނައިގައި އޮތީ 495 ގޯލު ޖަހައިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ އަލް ނަސްރަށެވެ. އެހެންވެ މި ރެކޯޑް އަމިއްލަކޮށް, ތަފާތު ބޮޑުކުރުމުގެ ފުރުސަތު މެސީ އަށް އަދިވެސް އެބައޮތެވެ.

ޕީއެސްޖީ މޮޅުވާން ދަނިކޮށް ސްޓްރާސްބާގުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ލަސް ކުޅުމެކެވެ. އެއީ ޕޮއިންޓަކާ އެކު ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވުމާއި، ސްޓްރާސްބާގް ވެސް ޕޮއިންޓެއް ހޯދައިގެން ރެލިގޭޝަނުން ސަލާމަތްވާތީ އެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދީ 37 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ލިބުނީ 81 ޕޮއިންޓުގައި އޮތް ލެންސް އަށެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް އަދި ބާކީ އެއް މެޗު އެބައޮތެވެ.

ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ހޯދީ މި ސީޒަނުގައި އެޓީމާ ހަވާލުވި ކްރިސްޓޯފް ގަލްޓިއޭގެ ކޯޗުކަމުގަ އެވެ. ގަލްޓިއޭ ވަނީ 2021 ވަނަ އަހަރު ލިލް އަށް ވެސް ފްރެންޗް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އެކަމަކު ތަރިންގެ ޓީމަކާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުން ގަލްޓިއޭ ޕީއެސްޖީގެ ކޯޗުކަމުގައި ދެމިހުންނާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ގަލްޓިއޭ މަގާމުން ވަކިކޮށް ޕީއެސްޖީ އިން އަންނަ ސީޒަނަށް އާ ކޯޗެއް ހޯދާނެ އެވެ.

މި ލިއުމާއި ގުޅޭ