Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މުސްލިމުން ނިކަމެތިކުރުމަކީ މޯދީގެ ލެގަސީއަކަށް ވާނެ: ލޮކް ސަބާ ގެ މެމްބަރެއް

ނާގްޕޫރު (މެއި 28) - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސީ ލެގަސީ ލިޔުއްވާ ކޮންމެ ފަހަރަކު "މުސްލިމުން ނިކަމެތިކުރުމުގެ" ވާހަކަ އަންނާނެކަމަށް އޯލް އިންޑިއާ މަޖްލިސް-އޭ-އިއްތިހާދުލް މުސްލިމީން (އޭއައިއެމްއައިއެމް) ގެ ރައީސް އަދި ލޮކް ސަބާ ގެ މެމްބަރު އަސަދުއްދީން އޮވޭސީ ވިދާޅުވެއްޖެ އެވެ.
ހައިދަރުއާބާދުގެ މަޖްލިސް މެމްބަރު ހޮނިހިރު ދުވަހު އެ ސިޓީގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންގްރެސްގެ ވެރިކަމުގައި މުސްލިމުންގެ ހާލަތު ރަނގަޅުނޫން ކަމަށާއި ޖަވާހަރްލާލް ނެހްރޫ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވި ގިނަ މީހުންނަކީ އެ މުޖުތަމައުގެ މީހުން ކަމަށެވެ.
އަދި ބީޖޭޕީ އާއި އާރްއެސްއެސް އިން މަހާރަޝްތުރާގައި ފިތުނަ ފަސާދަ އުފައްދަމުންދާ ކަމަށް ވެސް އޮވޭސީ ތުހުމަތު ކުރެއްވި އެވެ.
މޯދީގެ ސިޔާސީ ލެގަސީއާ ބެހޭ ގޮތުން ތާރީހު ލިޔާއިރު، މުސްލިމުން ނިކަމެތިވި ގޮތުގެ ވާހަކަ އަންނާނެ، މުސްލިމުން އެކަހެރިވި ގޮތުގެ ވާހަކައަންނާނެ، މޯދީގެ ޓީމުގައި މުސްލިމް އެމްޕީއެއް ނެތް، އެންމެ މުސްލިމް ވަޒީރަކު ވެސް ނުހުންނާނެ، ހިޖާބާ ދެކޮޅަށް ގާނޫނުތައް ހަދާނެ،" އޮވޭސީ ވިދާޅުވި އެވެ.
އޭނާ ވަނީ އޭއައިއެމްއައިއެމް އިން މޯދީއަށް ވޯޓް ދޭނެ ކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. "ބީޖޭޕީ އަށް ކާމިޔާބު ލިބިއްޖެ ނަމަ އެއީ ކޮންގްރެސް އާއި އެހެން ޕާޓީތަކުގެ ސަބަބުން ލިބުނުކާމިޔާބީއަކަށް ވާނެ. މޯދީ ހުއްޓުވުމުގެ ބާރެއް އެމީހުންނަކަށް ނެތް. އެކަމަކު އާދެ، އެބޭފުޅުންގެ އަތުގައި ތިޔަބޭފުޅުންގެ ވޯޓު އޮޅުވާލައިގެން ވަގަށް ނެގުމުގެ ބާރު އެބައޮތް،" އޮވޭސީ ވިދާޅުވި އެވެ. "ނެހްރޫ ބޮޑުވަޒީރުކަމުގައި ހުންނެވި އިރުވެސް އޭގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ މުސްލިމުން. އަޅުގަނޑުގެ އަތުގައި 1954 ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރާ ހަމައަށް ޑޭޓާ އެބަހުރި. މިއަދު ވެސް ކުޅެނީ ހަމަ ސްކްރިޕްޓެއް،" އޮވޭސީ ބުންޏެވެ.
ހައިދަރުއާބާދު ދާއިރާގެ މެމްބަރު ވަނީ ބީޖޭޕީ އާއި އާރްއެސްއެސް އިން މަހާރާޝްތުރާގައި ހިންދޫ ޖަނަކްރޯޝް މޯރްޗާގެ އެއްވުންތަކަށް ތާއީދުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. "މިފަދަ ގާތްގަނޑަކަށް 50 އެއްވުން ބާއްވައި މައިނޯރިޓީ ކޮމިއުނިޓީއަކާ ދެކޮޅަށް ނުރުހުން އުފެދުނެވެ. ނަމަވެސް ސަރުކާރުން ސީރިއަސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަމްރާވަތީ، އަކޯލާ ފަދަ ތަންތަނުގެ މަގުތަކަށް ކޮމިއުނިޓީ ނުތަނަވަސްކަން ފެތުރެމުންދާތަން އަޅުގަނޑުމެންނަށް ފެނިއްޖެ،" އޮވޭސީ ވިދާޅުވި އެވެ.
އަދި ކޮންގްރެސް އާއި އެހެނިހެން ޕާޓީތަކުގެ "ހިމޭންކަން" އާންމުން ފާހަގަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ކޮންގްރެސް ޕާޓީގެ އެއްވެސް ލީޑަރަކު މި އެއްވުންތަކާ ދެކޮޅު ހެދީތޯ ނުވަތަ އެތަނުގައި ދައްކާ ވާހަކަތައް ކުށްވެރިކުރީތޯ؟ އެ މީހުންގެ ވޯޓް ހިއްސާ ކަނޑާލި ކަމަށް ބުނެ އެ މީހުން އަޅުގަނޑަށް ދޮގު މަލާމާތް ކުރާނެ،" އޮވޭސީ ވިދާޅުވި އެވެ.
އަދި މިއީ ސްޓޭޓް ސަރުކާރުން އަމިއްލަ އަށް ވިސްނަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީއެމް އަކީ ހިންދޫ ދީނަށް ތަބާވާ ބޭފުޅެއް ކަމަށް ބުނާއިރު އަދި ގައުމުގެ ބޮޑުވަޒީރު ވެސް ހިންދޫ ނޭޝަނަލިސްޓެއްގެ ގޮތުގައި ބުނާއިރު، ހީވަނީ އެއްވުމުގެ ބޭނުމަކީ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޮވޭސީ ވިދާޅުވީ އޭނާގެ ޕާޓީގެ ގިނަ މެމްބަރުން ނުވަތަ އެފަދަ ފިކުރެއް ގެންގުޅޭ މީހުން ހޮވަން ޖެހޭ ކަމަށެވެ. "މަޖިލީހުގެ އާ އިމާރާތް މިހާރު އޮތީ ތައްޔާރުވެފައި، އެކަމަކު އެތަނުގައި އަޑު އުފުލާނީ ކާކު؟ އަޅުގަނޑަކީ އިންސާނެއް، އެއްދުވަހަކުން ފުރައިގެން ދާނަން، އިމްތިޔާޒް ޖަލީލް (އޭއައިއެމްއައިއެމްގެ މެމްބަރު) ވެސް. ދެން ތިބާގެ ފަރާތުން ވާހަކަ ދައްކާނީ ކާކު ހެއްޔެވެ؟ އެ ލީޑަރޝިޕް އަންނަން ޖެހޭނީ ތިޔަބޭފުޅުންގެ ސަފުތަކުގެ ތެރެއިން. އަހަރެން ދެކެ ލޯބި ނުވާނަމަ އެހެން މީހަކު ގެންނާށެވެ. އެކަމަކު ތިޔަބޭފުޅުންގެ މައްސަލަތައް އުފުލާނެ ބޭފުޅަކު ހުންނަން ޖެހޭ،" އޮވޭސީ ވިދާޅުވި އެވެ.
ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަތީ ތައުލީމުގެ ދާއިރާގައި، ހާއްސަކޮށް އުއްތަރަ ޕްރަދޭޝް އާއި މަހާރާޝްތުރާގައި މުސްލިމް ދަރިވަރުންގެ އަދަދު ދަށަށް ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުތަކުގައި ސްލަމްތައް ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ނާގްޕޫރާ ގުޅުންހުރި މައްސަލަތަކަށް ވެސް އޮވޭސީ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ނާގްޕޫރު ސިވިކް އިންތިހާބުގައި "އޭއައިއެމްއައިއެމްގެ މަދުވެގެން 11 ކޯޕަރޭޓަރުން އިންތިހާބު ކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ