ޖަރުމަނު ބުންޑެސްލީގާގެ ރަސްކަން ކުރަމުން އައި ބަޔާން މިއުނިކް ފަހަތަށް ޖައްސާލައި، މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދަން އުއްމީދާ އެކު ނުކުތް ބޮރޫޝިއާ ޑޯޓްމަންޑް ލީގު ފަހު މެޗުގައި މިރޭ މެއިންޒާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ އެޓީމަށް ލީގު ޗެމްޕިއަންކަން ގެއްލިއްޖެ އެވެ.
މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ވެސް ހޯދީ ބަޔާން އެވެ. ޑޯޓްމަންޑް އެއްވަރުވުމުގެ ފައިދާ ނަގައި ބަޔާން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ 2-1 އިން އެފްސީ ކޮލޯން ބަލިކޮށްގެންނެވެ.
ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މިދިޔަ 11 ސީޒަނުގައި ވެސް ކާމިޔާބުކުރީ ބަޔާން އެވެ. ބަޔާން ފަހަތަށް ޖައްސާލައި އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދުނީ 2012 ވަނަ އަހަރު ޑޯޓްމަންޑަށެވެ. އެ ކާމިޔާބީ ތަކުރާރުކުރަން ޑޯޓްމަންޑަށް މިރޭ ލިބިފައި އޮތީ ރަނުގެ ފުރުސަތެކެވެ.
އެއްވަރުވެ ޗެމްޕިއަންކަން ގެއްލުމުން ޑޯޓްމަންޑުގެ ކުޅުންތެރިންނާއި ކޯޗިން ޓީމު އެއްކޮށް ތިބީ ހިމޭންވެފަ އެވެ. ދަނޑުމަތީގައި ގިނަ ކުޅުންތެރިންތަކެއް ހުއްޓިގެން ތިބިއިރު އެޓީމުގެ ސަޕޯޓަރުން ދިޔައީ އެ ކުޅުންތެރިންނަށް ތަރުހީބު ދެމުންނެވެ. މި ސީޒަނަށް ފަހު ޑޯޓްމަންޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ޖޫޑް ބެލިންހަމް ވެސް ވަނީ މެޗަށް ފަހު ރޮއެފަ އެވެ. ބެލިންހަމް ރުއިން ހުއްޓުވަން ކޯޗުގެ އިތުރުން މެއިންޒްގެ ކުޅުންތެރިން ވެސް މަސައްކަތްކުރި އެވެ.
އަނިޔާގެ ސަބަބުން ބެލިންހަމް އަށް މިރޭގެ މެޗުގައި ނުކުޅެވުނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މެއިންޒުން ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލު ޖެހުމުން ޑޯޓްމަންޑް ފެނުނީ ޕްރެޝަރުގައި ކުޅުނު ތަނެވެ. އަދި، 19 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއަކުން ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ފޯވާޑް ސަބެސްޓިއަން އެލިއޭ ޖެހި ޕެނަލްޓީ މެއިންޒްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެއިންޒް ވަނީ އިތުރު ގޯލެއް ޖަހައި ޑޯޓްމަންޑަށް ސިހުން ގެނުވައިފަ އެވެ.
ދެ ވަނަ ހާފުގައި ވަރަށް ހިތްވަރުކޮށްގެން ޑޯޓްމަންޑަށް ކުރެވުނު ވަރަކީ ނަތީޖާ ހަމަހަމަ ކުރުމެވެ. އެޓީމުގެ ފުރަތަމަ ގޯލު ރަފައެލް ގަރޭރޯ ޖެހިއިރު ފަހު ގޯލު އިތުރު ވަގުތުގެ ފަހު މިނިޓުގައި ޖެހީ ނިކްލަސް ސޫލޭ އެވެ. ފަހު ސިކުންތުކޮޅުގައި ވެސް ޑޯޓްމަންޑް ވަނީ ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފަ އެވެ.
ބަޔާން އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ފަހު ވަގުތު މޮޅުވެގެންނެވެ. އެ މެޗުގެ ކުރީކޮޅު ކިންގްސްލީ ކޯމަންގެ ގޯލުން އެޓީމު ލީޑު ނެގި އެވެ. އެކަމަކު މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން ކޮލޯން އިން ނަތީޖާ ހަމަހަމަކުރި އެވެ. ބަޔާން މޮޅުވެ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ.
ޖަރުމަނުގެ ލީގުގެ ޗެމްޕިއަންކަން ބަޔާން ކަށަވަރުކުރީ ސީޒަނުގެ ފަހުކޮޅު އެޓީމާ ހަވާލުވީ ތޯމަސް ޓުކެލްގެ ކޯޗުކަމުގަ އެވެ. ޓުކެލް ކޯޗުކަމާ ހަވާލުވީ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގެލްސްމަން މަގާމުން ވަކިކުރުމަށް ފަހު އެވެ.