Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

28 މެއި – ފުޓުބޯޅައިގެ ބޮޑު ދުވަހެއް!

ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ ލީގުތައް ނިމުމަކާއި ގާތްވެފައިވާއިރު 28 މެއި ވާ އާދީއްތަ ދުވަހަކީ ފުޓުބޯޅައަށް ފޯރި ހުންނަ ފަރާތްތަކަށް ޚާއްސަދުވަހެކެވެ.

އެންމެ ބޮޑު ލީގުތަކުގައި މި ސީޒަންގައި ކުޅެވޭ އެންމެ ގަދަ މެޗުތައް އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭނެއެވެ. ކުރިއަށްދާ ފުޓުބޯޅަ ސީޒަންގެ އެކި ލީގުތަކުގައި ކުޅޭ ފޯރިގަދަ މެޗުތަކެކޭ އެއްފަދައިން މި ދުވަހު ކުޅެވޭ މެޗުތައްވެސް ދިވެހިންނާއި ހަމައަށް މީޑިއާނެޓުން ގެނެސްދޭނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީއިން ވަނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ލީގުގެ އެއްވަނަ އާއި ދެވަނަ މެންޗެސްޓަރ ސިޓީ އަދި އާރސެނަލް އިން ކަށަވަރުކޮށްފައިވީ ނަމަވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ބާކީ އިން 2 ޖާގައަށް ތިން ޓީމަކުން ފަހު ދުވަހާ ހަމައަށް ވާދަކުރާނެއެވެ. އެއީ ނިއުކާސަލް ޔުނައިޓެޑް، މެންޗެސްޓަރ ޔުނައިޓެޑް އަދި ލިވަރޕޫލްއެވެ.

ނިއުކާސަލް ޔުނައިޓެޑުން މިދުވަހު ނިކުންނާނީ މި ސީޒަނުގައި އެދެވިގެންވާ ކުޅުމެއް ނުދެއްކި ގަދަ 4 ގެ ޖާގަ ގެއްލިފައިވާ ޗެލްސީ އާއި ދެކޮޅަށެވެ. މެންޗެސްޓަރ ޔުނައިޓެޑް ލީގުގެ ގަދަ 10 ގައި އޮތް ފުލަމް އާއި ދެކޮޅަށް ނިކުންނަ އިރު ލިވަރޕޫލް ވާދަ ކުރާނީ ޕްރިމިއަރ ލީގުން ރެލިގޭޓް ވެފައިވާ ސައުތެމްޕްޓަން އާއި ދެކޮޅަށެވެ. ޗެމްޕިއަން މެންޗެސްޓަރ ސިޓީ މިދުވަހު ބައްދަލުކުރާނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންދާ ބްރެންޓްފަރޑް އާއި ދެކޮޅަށެވެ.

މި މެޗުތައް ކުޅެ ނިމޭއިރު އިނގިރޭސި ޕްރިމިއަރ ލީގުން އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅޭނެ ޓީމުތައް އެނގިގެންދާނެއެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ 28 މެއި ވަނަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 8:30 ގައެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައްވެސް މި ގަޑީގައި ކުޅޭނެއެވެ.

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ކަން ފުޓުބޯޅައިގެ ގަދަބާރު ބާރސެލޯނާއިން ވަނީ ހޯދާފައެވެ. ނަމަވެސް ބާރސެލޯނާއަށް ފަހު ޓޭބަލްގެ ދެވަނައިން ފެށިގެން ފަސްވަނަ އާއި ހިސާބަށް ވާދަވެރިކަން ބޮޑެވެ. 2 ވަނައިގައި އޮތް ރިއާލް މެޑްރިޑާއި 3 ވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާއި ދެމެދު އޮތީ އެންމެ 2 ޕޮއިންޓުގެ ތަފާތެވެ. އަދި 4 ވަނަ އާއި 5 ވަނައިގައި އޮތް ރިއަލް ސޮސިއެޑާޑް އަދި ވިލަރެއާލް އާއި ދެމެދު ވެސް އޮތީ އެންމެ 5 ޕޮއިންޓުގެ ތަފާތެވެ.

28 ވަނަ ދުވަހު އެންމެ ފޯރިގަދަ މެޗަކަށް ވާނީ ގަދަ 4 ގައި ހަނގުރާމަ ކުރަމުންދާ އެޓްލެޓިކޯ މެޑްރިޑް އަދި ރިއަލް ސޮސިއަޑާޑް ބައްދަލުކުރާ މެޗެވެ. މިއީ މިވަގުތު ލީގުގެ 3 ވަނަ އަދި 4 ވަނަ ޓީމެވެ. ޗެމްޕިއަން ބާސެލޯނާ ބައްދަލު ކުރަނީ ޓޭބަލްގެ 12 ވަނައިގައި އޮތް މަޔޯކާ އާއެވެ. ސްޕެނިޝް ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ރިއާލް މެޑްރިޑް އަދި ސެވިއްޔާ ވެސް މި ދުވަހު ވާދަކުރާނެއެވެ.

ސްޕެނިޝް ލަލީގާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 28 މެއި ވަނަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 10:00 ގައެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައްވެސް މި ގަޑީގައި ކުޅޭނެއެވެ.

ފްރެންޗް ލީގް 1

ފްރާންސް ގެ ފުޓުބޯޅަ ލީގުގެ ޗެމްޕިއަންކަން ވަރުގަދަ ޕީ އެސް ޖީ އިން ވަނީ މި އަހަރުވެސް ކާމިޔާބުކޮށްފައެވެ. ޖުމްލަ 81 ޕޮއިންޓް ހޯދައިގެން ޕީ އެސް ޖީ ޗެމްޕިއަންކަން ހޯދިއިރު މިއަހަރުގެ ސީޒަންގައި ގަދަ 4 ގައި ލެންސް ހިމެނުމަކީ ގިނަބަޔަކަށް ހައިރާން ކުރުވަނިވި ކަމެކެވެ. 2 ވަނައިގައި މިވަގުތު އޮތް ލެންސް އާއި 3 ވަނައިގައި އޮތް މާރސޭގެ ދެމެދުގައި އޮތީ އެންމެ 2 ޕޮއިންޓުގެ ފަރަގެކެވެ. 4 ވަނައިގައި އޮތް މޮނާކޯ އާއި 5 ވަނައިގައި އޮތް ލިލް ގެ ފަރަގު އެންމެ 2 ޕޮއިންޓަށް ކުޑަވެފައިވުމަކީ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދުމަށް ޓީމުތަކުން އިތުރަށް މަސައްކަތްކުރާނެ ސަބަބެވެ.

ޗެމްޕިއަން ޕީ އެސް ޖީ 28 ވަނަ ދުވަހު ނިކުންނާނީ ސްޓްރަސްބޯރ އާއި ދެކޮޅަށެވެ. ލީގުގެ 6 ވަނައިގައި އޮތް ރެނޭ އާއި 4 ވަނައިގައި އޮތް މޮނާކޯގެ ކުރިމަތިލުން ފޯރިގަދަވާނެކަން ޔަގީނެވެ. މާ ބޮޑު ފަރަގެއް ނެތުމުން ރެނޭ ވެސް ގަދަ 4 ގެ ޖާގައެއް ހޯދުމުގެ އަޒުމުގައި މި މެޗުން މޮޅުވުމަށް މަސައްކަތް ކުރާނެއެވެ.

28 ވަނަ ދުވަހު ފްރާންސް ލީގުގެ ހުރިހާ މެޗެއް ކުޅޭނީ ރޭގަނޑު 12:00 ޖަހާއިރުއެވެ. ޗެމްޕިއަން ކަށަވަރުވެފައިވީނަމަވެސް މި ލީގުގައި މި ދުވަހު ކުޅެވޭ ހުރިހާ މެޗެއްވެސް ފޯރިގަދަވާނެ ކަން ޔަގީނެވެ.

33 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވަރުގަދަ އޭސީ މިލާން، އިންޓަ މިލާން އަދި ޔުވެންޓަސް ފަހަތަށް ޖައްސާލުމަށްފަހު ނަޕޯލީ އިން ވަނީ އިޓާލިއަން ސެރިއާ ގެ ޗެމްޕިއަންކަން ހޯދާފައެވެ.

ލީގުގެ 2 ވަނައިގައި ޔުވެންޓަސް އޮތްކަމުގައި ވިޔަސް 2 ވަނައިން ފަށައިގެން 6 ވަނަ އާއި ހިސާބަށް އޮތް ޕޮއިންޓް ފަރަގު ކުޑަވުމުން ގަދަ 4 ގެ ޖާގައަކަށް ޓީމުތަކުން ރަނގަޅު ވާދައެއް ކުރާން ޔަގީނެވެ.

28 ވަނަ ދުވަހު ޗެމްޕިއަން ނަޕޯލީ ނިކުންނާނީ ލީގުގެ 9 ވަނައިގައި އޮތް ބޮލޯނާ އާއި ދެކޮޅަށެވެ. މި މެޗު ފެށޭނީ ރޭގަނޑު 6:00 ގައެވެ. މި ދުވަހުގެ އެންމެ ފޯރިގަދަވާނެ މެޗެއް ކަމުގައި ބެލެވެނީ އިޓަލީ ފުޓުބޯޅައިގެ ގަދަ ދެ ބާރު ޔުވެންޓަސް އަދި އޭސީ މިލާނުގެ ކުރިމަތިލުމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 11:45 ގައެވެ.

މި ލިއުމާއި ގުޅޭ