Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސަލާހް ލިވަޕޫލްގައި މަޑުކުރާނެ: ކްލޮޕް

ލިވަޕޫލްގެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހްގެ ކުރިމަގާ ގުޅޭގޮތުން ކަންބޮޑުވުމެއް ނެތް ކަމަށް ލިވަޕޫލްގެ ޔާގެން ކްލޮޕް ބުނެފި އެވެ.

ސަލާހްއާ ގުޅޭގޮތުން ކްލޮޕާ ސުވާލުކުރީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ފުރުސަތު ގެއްލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ސަލާހް ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ލިވަޕޫލް އަންނަ ސީޒަނުގައި ކުޅޭނީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫއެފާ ޔޫރޮޕާ ލީގުގަ އެވެ. ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ 1-3 އިން ބަލިކުރުމުންނެވެ.

އެ މެޗުން ޔުނައިޓެޑް މޮޅުވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް ބަންދުވުމުން ސަލާހް ކުރި ޕޯސްޓުގައި ބުނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުން މާޔޫސްވާ ކަމަށެވެ. ސަލާހް ވަނީ ލިވަޕޫލަށް ގެއްލުނު ފުރުސަތާ އެކު ސަޕޯޓަރުންގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.

ސަލާހް ކުރި ޕޯސްޓާ ގުޅިގެން އޭނާ ލިވަޕޫލްގައި ހުންނާނެތޯ ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. ރައްދުގައި ކްލޮޕް ބުނީ ސަލާހް ކުރި ޕޯސްޓަކީ މުޅި ލިވަޕޫލް ޝާމިލްވާ ޕޯސްޓެއް ކަމަށާއި، ސަލާހް ކްލަބް ދޫކޮށްލުމުގެ ކަންބޮޑުވުމެއް އޭނާގެ ނެތް ކަމަށެވެ.

"ސަލާހް މި ކްލަބް ދެކެ ލޯބިވޭ. ކްލަބް ނެރުނު ނަތީޖާގައި ސަލާހް ވެސް ޝާމިލްވޭ. ސަލާހް މާފަށް އެދުނީ މުޅި ލިވަޕޫލްގެ ފަރާތުން. އެއީ ވަކި ބަޔަކު ކުރި ކަމަކުން ސަލާހް ދެއްކި ވާހަކަތަކެއް ނޫން" ސަލާހްގެ ޕޯސްޓާ ގުޅޭގޮތުން ކްލޮޕް ބުންޏެވެ.

ކްލޮޕް ލިވަޕޫލާ ހަވާލުވި ފަހުން އެޓީމުން އަންނަނީ ގަވާއިދުން ޗެމްޕިއަންސް ލީގުގައި ކުޅެމުންނެވެ. ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގު އިތުރު ދެ ފައިނަލުގައި ލިވަޕޫލް ވާދަކުރި އެވެ.

ލީގުގެ ފަހު މެޗުގައި ލިވަޕޫލް މާދަމާ ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ. ގަދަ ހަތަރެއް ގެއްލި ލިވަޕޫލް މި ސީޒަން ނިންމާލާނީ ފަސް ވަނައިގައިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މި ލިއުމާއި ގުޅޭ