މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ރަސްމީކޮށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފިއެވެ.
ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ ރޭ އާޓިފިޝަލް ބީޗްގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި އެމްއެންޕީގެ ހާއްސަ ޖަލްސާއެއްގައެވެ.
ރޭގެ ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ބޭނުންކުރައްވާ ލޯގޯ އާއި ޝިއާރު އިފްތިތާހުކޮށްފައިވާއިރު އެ ޕާޓީގެ ލަވަވެސް އިފްތިތާހްކޮށްފައިވެއެވެ.
އެގޮތުން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބާ ގުޅިގެން ޝިއާރު ނުވަތަ ސްލޯގަންއަކަށް ނާޒިމު ބޭނުންކުރައްވާނީ "އުޖާލާ ޒަމާން" އެވެ. އެމްއެންޕީން ބުނީ ރެއިން ފެށިގެން ނާޒިމުގެ ކެމްޕޭން ހަރަކާތްތައް މުޅި ރާއްޖޭގައި ފެށިގެންދާނެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އެވެ.
އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ވަނީ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.