ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ނައީމާ މޫސާ ޤަތުލުކުރަން ބޭނުންކުރި ހަތިޔާރު ހޯދިއްޖެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
އޭޕުރީލު 8 ވަނަ ދުވަހުގައި ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށީގަނޑަށް ވަޅިހަރާފައިވާކަން އެނގިފައިވެއެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގައި ފުލުހުންވަނީ ފުޅާދާއިރާއެއްގައި ފޮރެންސިކް ހެކި ހޯދުމަށް މަސައްކަތްކޮށްފައެވެ.
އެގޮތުން އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ހޯދައި ޓެސްޓުކޮށްފައިވެއެވެ. އަދި އޭގެ އިތުރަށް ނައީމާގެ އާއިލާ މީހުންގެ ޑީއެންއޭ ސާމްޕަލްވެސް ފުލުހުން ނެގިއެވެ.
މިއަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޢީމާގެ ޤަތުލުގެ ތަޙުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް މުހިއްމު ހެކިތަކެއް ހުރި ތަނެއް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.
ދެންމެ އިތުރު ތަފުސީލު ދެއްވަމުން ޙަމީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ނައީމާ ޤަތުލުކުރަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު ފެނިފައިވާ ކަމަށެވެ. އޭގެ އިތުރަށް ނައީމާ ޤަތުލުކުރި ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަންދައިލުމަށްފަހު ވަޅުލާފައިވަނިކޮށް ހޯދާފައިވާކަމަށްވެސް ކޮމިޝަނާ ވިދާޅުވިއެވެ.
އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކުރެއްވި ނަމަވެސް ހައްޔަރުކުރި ދެ މީހުންގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމަނުކުރެއެވެ.