ޔުނައިޓެޑް ގަދަ ހަތަރެއް ކަށަވަރުކުރީ 37 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އޮތީ 66 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ލީގުގައި ބާކީ އޮތް މެޗުން މޮޅުވެގެން ވެސް ލިވަޕޫލަށް ގަދަ ހަތަރެއްގެ ޖާގައެއް އަތެއްނުވާނެ އެވެ.
ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް އަދި ޔުނައިޓެޑްގެ އިތުރުން ގަދަ ހަތަރަކުން ޖާގަ ހޯދީ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލް ހަތަރު ވަނައިގައި އޮތީ 70 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗަށް ޔުނައިޓެޑް ނުކުތީ މަދުވެގެން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރާށެވެ. އެކަމަކު އެޓީމުން މޮޅު ކުޅުމެއް ދައްކައި ޗެލްސީ ބަލިކުރި އެވެ.
ފުރަތަމަ ހާފު އެޓީމު ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު ކަސެމީރޯ ޖެހިއިރު ދެ ވަނަ ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ. އެ ހާފުގައި ޔުނައިޓެޑްގެ އެންތަނީ އަށް ބޮޑު އަނިޔާއެއް ވުމުން ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އެރުވި އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އާއި ރަޝްފޯޑެވެ. ބްރޫނޯ ޕެނަލްޓީއަކުން ލަނޑު ޖެހިއިރު ރަޝްފޯޑުގެ ގޯލަކީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 30 ވަނަ ގޯލެވެ. ރަޝްފޯޑް ވެފައިވަނީ 2013 ވަނަ އަހަރުގެ ފަހުން ސީޒަނެއްގައި ޔުނައިޓެޑަށް 30 ގޯލު ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެ އަހަރު އެ އަދަދަށް ގޯލު ޖެހީ ރޮބިން ވަން ޕާސީ އެވެ.
ލިވަޕޫލް ޔޫރޮޕާ ލީގަށް ވެއްޓުމަކީ އެޓީމު ފަހަތަށް އެޅި ފިޔަވަޅެކެވެ. ޔާގެން ކްލޮޕްގެ ކޯޗުކަމުގައި މިދިޔަ އަހަރުތަކުގައި ލިވަޕޫލުން ޔޫރަޕްގައި ވަރުގަދަ ވާދައެއް ކުރި އެވެ. އެޓީމުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ފައިނަލުގައި ދެ ފަހަރު ކުޅުނެވެ. ދެ ފައިނަލުން ވެސް ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.
މި ސީޒަނުގެ ލީގުގެ ކުރީކޮޅު ލިވަޕޫލްގެ ފޯމު ފެނުނީ ދަށްކޮށެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ލީގު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. އެކަމަކު ގަދަ ހަތަރަކަށް އެރުމަށް އޭރު އޮތީ ވަގުތު ފާއިތުވެފަ އެވެ. ސީޒަނުގައި ލިވަޕޫލްގެ ނަތީޖާތައް ދަށްވުމުގެ އެއް ސަބަބަކީ އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކަކަށް ނުކުޅެވުމެވެ.