މިދިޔަ ރޯދަ މަހު އުރީދޫ އިން ކުރިއަށް ގެންދިޔަ "ހަދިޔާ ފޮށި" ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ކަމަށްވާ، ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާ ސައިކަލު ހަވާލުކޮށްފި އެވެ.
އިއްޔެ ހަވީރު ބްރިޖު ވިއުއިން ޕްލެޓުފޯމުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިޔާ އާ ސައިކަލު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ އެވެ.
ހަބޭސް ބޮޑުބެރު ގުރޫޕުގެ ބޮޑުބެރު ހަރަކާތްތަކާ އެކު ބޭއްވި އެ ރަސްމިއްޔާތުގައި ހަދިޔާ ފޮށީގެ ތީމާއި އެއްގޮތަށް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު ވެސް އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަނީ ދީފަ އެވެ.
އުރީދޫގެ ސީއީއޯ ހާލިދު ވަނީ ހަދިޔާ ފޮށީގެ ނަސީބުވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރޯދަ މަސް ތެރޭ ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުންނަށް ކޮންމެވެސް ހަދިޔާއެއް ދެވުމަކީ އުރީދޫ އަށް ލިބުނު އުފަލެއް ކަމަށެވެ.
"ހަދިޔާ ފޮށި" އަކީ އުރީދޫ އެޕް މެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
އެ ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ދީފައިވާ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ އެ ގޭމުގައި ބައިވެރިވެފަ އެވެ.
އުރީދޫ އިން ބުނީ، ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ.