Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ވެގްނަރ ގްރޫޕުން ސޫދާނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

ވޮޝިންޓަން (ޑީސީ) - ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެއް ފަރާތް ކަމަށްވާ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އަށް ރަޝިއާގެ ވެގްނާ ގްރޫޕުން ވައިގެ މަގުން މިސައިލް ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުލީ ސިފައިންގެ ޖަމާއަތަށް މިތުހުމަތުކޮށްފައި މިވަނީ ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ހަތިޔާރު ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން މާލީގައި ހުންނަ ވެގްނާގެ ލީޑަރުގެ މައްޗަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ.
ސޫދާންގައި ދިގުލައިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމަ އިތުރަށް ގޯސްވެފައިވަނީ ވެގްނާ ގްރޫޕުން ފޯރިކޮށްދިން މިސައިލްތައް ބޭނުންކޮށް ސޫދާނުގައި ވައިގެ މަގުން ހަމަލާތަކެއް ދިނުމުގެ ސަބަބުން ކަމަށް ޓްރެޜަރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ވާދަވެރި ދެ ޖެނެރަލުން އިސްކޮށް ހަރަކާތްތެރިވާ އާރުއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާއާ ދެމެދު އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ދައުލަތާއި ވަސީލަތްތައް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މި ހަނގުރާމައިގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ.
ހަމަނުޖެހުންތައް ފެށުނު ފަހުން ވޮޝިންޓަނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ގިނަ އެއްބަސްވުންތަކެއް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިދިޔަ ހޯމަ ދުވަހު ވެސް ހަނގުރާމަވެރި ދެ ފަރާތުން ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް އެއްބަސްވި ނަމަވެސް، ކުރީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކެކޭ އެއްފަދައިން، އެ ގައުމުގެ ރައްޔިތުން ވެސް ވަނީ ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެމެރިކާއިން ބުނީ ސޫދާނުގައި އެގައުމުގެ މައިގަނޑު އަމާޒަކީ ހަނގުރާމަ ދާއިމީ ކޮށް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމުގެ ކުރިން ހަމަނުޖެހުންތައް މަދުކޮށް މަދަނީ ވެރިކަމަށް ގައުމު އަނބުރާ ގެނައުން ކަމަށެވެ.
މި ހަމަނުޖެހުން ތައް ކުރިއަށް ދާނަމަ އިންސާނީ ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ދީފަ އެވެ.
މިދިޔަ މަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ ސޫދާނުގައި ވެގްނަރ ގެ ބައިވެރިވުން އޮންނާނެ ކަމަށް ބެލެވޭތީ ކަންބޮޑުވުން ފާޅުކުރައްވައި، އެ ޖަމާއަތާ އެކު "އިތުރު މަރުތަކާއި ހަލާކުތައް ގެނެސްދޭ" ކަމަށް ވިދާޅުވެފަ އެވެ.
"ސޫދާނުގައި އެގްރޫޕްގެ އިތުރު ބައިވެރިވުން އޮތްކަމަށް އަޅުގަނޑުމެންނަށް ނުފެނުމަކީ ވަރަށް މުހިންމު ކަމެއް. އަދި އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ގައުމުތަކުން އެ އުންމީދާ މެދު ވަރަށް ކަންބޮޑުވާކަން،" އޭނާ ވިދާޅުވި އެވެ.
ވެގްނަރ ގްރޫޕަކީ ރަޝިއާގައި ހުންނަ އަމިއްލަ އަސްކަރީ ޖަމާޢަތެކެވެ. މައިގަނޑު ގޮތެއްގައި ޔޫކްރެއިން އާއި ސީރިއާގައި ހިނގަމުންދާ ތަފާތު ހަމަނުޖެހުންތަކުގައި ބައިވެރިވުމުގެ ސަބަބުން ބައިނަލްއަގުވާމީ ސަމާލުކަން އެޖަމާއަތަށް ލިބުނެވެ. މި ޖަމާއަތަކީ ރަޝިއާއިން ބޭރުގައި ރަޝިއާގެ މަސްލަހަތު ތަކަށް އެހީތެރިވުމުގެ ގޮތުން ކުލީ ސިފައިންނާއި ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދޭ ޖަމާއަތެކެވެ.
ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންނަކީ ރަޝިޔާގެ އެހީތެރިކަމާއެކު ހިންގާ ސިފައިންނާއެކު ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ބައިވެރިވުމާއި، ރިކޮނިސެންސް މިޝަންތައް ހިންގުމާއި، ސިއްރު އޮޕަރޭޝަންތައް ހިންގަމުންދާ ކަމުގެ ތުހުމަތު އޮންނަ ބައެކެވެ. އެ ޖަމާއަތަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ތުހުމަތުވެސް ކުރެވޭ މައްސަލަތަކާ ގުޅިފައިވާ ޖަމާއަތެކެވެ.
ވެގްނަރ ގުރޫޕަކީ ސިއްރު ސިފަތަކެއް އޮތް ޖަމާއަތެއް ކަމުގައިވީ ނަމަވެސް، ވެގްނަރ ގްރޫޕަކީ ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށް، ރަޝިއާގެ އަސްކަރީ ހަރަކާތްތަކުގެ ޖިއޮޕޮލިޓިކަލް މަޝްވަރާތަކާއި ތަހުގީގަށް ޝައުގުވެރިވާ މައުޟޫއަކަށް ވަނީ ވެފައެވެ.
މި ލިއުމާއި ގުޅޭ